ޣާޒީ ސްކޫލްގެ ޓީޗަރަކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނެ މީސްމީޑިއާ ނިއުސްވަޔަރ "އެމްވީ ކްރައިސިސް" އިން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ސްކޫލުން ބުނެފިއެވެ.

ހުޅުމާލޭގައި ހުންނަ ސަރުކާރުގެ ތިން ސްކޫލްގެ ތެރޭގައި ހިމެނޭ އެންމެ ގިނަ ދުވަސްވީ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، ޣާޒީ ސްކޫލްގެ ޓީޗަރެއް އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ، އެމްވީ ކްރައިސިސްގައި އާންމުކޮށްފައިވާ ޚަބަރުގައި ހިމެނޭ ފޮޓޯގައި ފެންނަ މީހާއަކީ އެއްވެސް އިރެއްގައި އެ ސްކޫލްގައި ވަޒީފާ އަދާކޮސްފައިވާ މީހެއް ނޫން ކަމަށެވެ.

އަދި އެއްވެސް ޙަގީގަތެއް ނެތި މިފަދަ ޚަބަރުތައް ފެތުރުމަކީ ސްކޫލް ބަދުނާމުވަމުންދާ ކަމަށްވާތީ، މިކަމުގައި ނިހާޔަތަށް ކަންބޮޑުވާ ކަމަށް ވެސް އެ ސްކޫލުން ނެރުނު ބަޔާނުގައި ވެއެވެ.

މި ފަދަ ހަގީގަތާއި ޚިލާފު ދޮގު ޚަބަރު ފަތުރާ ފަރާތްތަކާ މެދު، ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައިދިނުމަށް ޣާޒީ ސުކޫލުން ވަނީ އެދިފައެވެ.

ގިނަ އަދަދެއްގެ ދިވެހީންނާ އެއް ޖިންސުން ގުޅުން ހިންގި އެމްޑީ އަލަމްގިރިގެ ވީޑިއޯތަކެއް ވަނީ ލީކް ކޮށްލައިފައެވެ.

އަލަމްގިރި އާއި އެއް ޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށް އަރާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ކަން ވަނީ އެނގިފައެވެ.

މި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފައި ވެސް ވެއެވެ. އޭގެ ތެރެއިން ތިން މީހުންނަކީ އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުންނެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުއެވެ. އެމީހުންގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ ނޫސްވެރިޔާ އަބްދުﷲ ނަސީރުއެވެ.

އަލަމްގިރި ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރީ ވީޑިއޯތައް ބޭނުން ކޮށްގެން މީހުން ބްލެކްމެއިލް ކުރުމުގެ ތުހުމަތެވެ.