ދ. ކުޑަހުވަދޫގައި ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުޑަހުވަދޫގައި މުޒާހަރާ ކުރަން ފެށީ އެ ރަށު ބަލި މީހަކު މަންޓާ އެއާރގެ މަތިންދާބޯޓެއްގައި މާލެ ނުގެނެސްގެނެވެ. މަންޓާރއިން ބުނީ އެ ކުންފުނިން ގެންގުޅޭ ބޯޓުތަކުގައި ބަލި މީހުން ގެންދާ ސްޓްރެޗަރު އެރުވޭ ގޮތަށް ހަދާފައި ނުހުންނަ ކަމަށެވެ.

މި މައްސަލައިގައި އާންމުންގެ ބަޔަކު ރުޅިގަދަވެ ކުޑަހުވަދޫ އެއާޕޯޓުން ބަސް ދަތުރުކުރަން އޮންނަ ތަން ބްލޮކްކޮށް، ދަތުރު ނުކުރެޥޭ ގޮތް ހެދިއެވެ. އަދި އެކަން ހުއްޓުވަން ދިޔަ ފުލުހުންނާދެމެދު ބައެއް ހަމަނުޖެހުން ހިނގާފައިވެއެވެ. މިދިޔަ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ފުލުހުންގެ 17 މީހަކު ހައްޔަރުކުރިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވީނިއުސް" އަށް މިއަދު ވިދާޅުވީ، އެ އެންމެންވެސް މިހާރު ދޫކޮށްލާފައިވާކަމަށެވެ.

އެ ރަށު ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ނިމުމަކަށް ގެނައުމަށް މަންޓާ އެއާރއިން އެ މީހުންނާ ބައްދަލުކޮށް މިހާރު ވަނީ މައްސަލަ ހައްލުކޮށްފައެވެ. އެއީ އެ ރަށު މީހުން ބޭނުންވާ ގޮތަށް ބަލި މީހުން އުފުލުމަށް ދިމާވާ ދަތިތަކާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

މަންޓާރ އާއި ފްލައިމީ އިން ސްޓެޗަރުގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސަން ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ އަންގަވާފައެވެ.

ދާލު އެއާޕޯޓަށް މިވަގުތު ދަތުރުކުރަމުން އަންނަނީ ހަމަ އެކަނި މަންޓާ އެއާރއިންނެވެ.