އިސްލާމީ މުޖުތަމައުއެއްގެ އަފްރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްސަކޮށްފައިވަނީ "އިސްލާމީ އަޚުވަންތަކަން" މި މައުޟޫއަށެވެ.

މާތްﷲ އިންސާނުން އުފައްދަފާފައިވަނީ އެއްބަޑު އެއްބަފާބައެއްގެ ގޮތުގައެވެ. އެކަކު އަނެކެއްގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށެވެ. ޚުތުބާގައި ބުނެފައިވަނީ ކޮންމެ އިންސާނަކީވެސް އަނެކުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ މީހެއް ކަމަށާއި، މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ ހަމްދަރުދީވާން ޖެހޭ ކަމަށެވެ.

އެއީ އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މިއީ މުއުމިނުންގެ ސިފައެކެވެ. އަދި، އީމާންކަން ފުރިހަމަވުމގެ ރަމްޒެއްވެސް މެއެވެ.

މާތްﷲ އިންސާނުން އުފއްދަވާފައިވަނީ އެކަކު އަނެކަކަށް އެހީތެރިވެ، އިޖުތިމާއީ ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައިކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ، މުއުމިނުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ބައެއް ކަމަށެވެ.

ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. އެއްމުއުމިނަކު އަނެއް މުއުމިނަކާ "ދެމެދުގައިވާ ގުޅުމުގެ މިސާލަކީ) ބިނާއެއްގެ މިސާލެވެ. އެބިނާގެ އެއް ގައުގަނޑު އަނެއް ގައުގަނޑަށް ގަދަކަށް ދެއެވެ. މުއުމިނުންގެ ސިފަތައް ބަޔާންކުރައްވައި އަދިވެސް ރަސޫލު ﷲ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގައްޔާއި ރަޙުމްކުރުމުގައްޔާއި އޯގާތެރިވުމުގައި އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، ހޭލާހުރުމުންނާއި ހުންއައުމުން ހަށިގަނޑުގެ އެންމެހައި ގުނަވަންތައް އެގުނަވަނާ ބައިވެރިވެއެވެ.
ޚުތުބާ

ހުތުބާއިން އަޅުގަނޑުމެންނަށް ބުނެދިނީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި ހެޔޮކޮށް ހިތުމުގައްޔާއި، އެކަކު އަނެކަކުގެ ހާލު ބަލައި އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމުގައި އިސްލާމީ މުޖުތަމައުގެ އަފްރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކު ކަމުގައި ކަމެވެ. މިކަމަކީ އިންސާނިއްޔަތުގެ އިތުރުން މުސްލިމުންގެ އީމާންކަމާއިވެސް ގުޅިފައިވާ ކަމެކެވެ.

ކޮންމެ މީހަކުވެސް އަނެކުންނަށް އަޅާލައި އިޙްސާންތެރިވުމަކީ އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މުސްލިމް އަޚުންނޭވެ! މިއީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާކަން އަހަރެމެން މުސްލިމުންގެ މެދުގައި އޮންނަންޖެހޭގޮތެވެ. ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ އެހެންމީހުންނަށް އިސްކަންދީ، އަޅާލައި، އިހްސާންތެރިވުމެވެ. ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށީގަނޑުގައި ހިމެނޭ އެއާ ވަކިނުކުރެވޭނެ ގުނަވަނެކެވެ. އެހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކްލީފަކާއި ކޮންމެ ވޭނެއް އެހަށިގަނޑުގެ ހުރިހައި ގުނަވަންތައް ހިއްސާކުރަންޖެހެއެވެ. މިއީ މުސްލިމުންގެ މިސާލެވެ.
ޚުތުބާ

އެއްބަނޑު އެއްބަފާކަމުގެ ޝުޢޫރަކީ މާތް ﷲ ދެއްވާ ނިޢުމަތެކެވެ. އެކަލާނގެ އަޅުންގެ ހިތްތަކަށް ވައްދަވާ މަތިވެރި އިޙްސާސެކެވެ. ޚުތުބާގައި ބުނީ، އަޅުގަނޑުމެން މުސްލިމުންނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި ތަކުލީފުތަކުގައި ބައިވެރިވާންޖެހޭ ބައެއް ކަމަށާއި، އެމީހުންނަށް އެހީތެރިވެ އިޙްސާންތެރިވާންޖެހޭ ބައެއް ކަމަށެވެ. އަދި، މުސީބާތްތަކުގައި އެމީހުންނަށް ސާބިތުކަން ދެއްވައި ކެތްތެރިކަން ދެއްވުމަށް އެދި މާތްﷲ ގެ ހަޟްރަތުގައި އިބްތިހާލުވެ ދުޢާ ކުރަންޖެހޭ ބައެއް ކަމަށް ކަމަށެވެ.

މުސްލިމް އަހަކަށް އެޙީތެރިކަން ފޯރުކޮށްދިނުމުގެ ގުނަގުނަ ގޮތްތަކެއްވެއެވެ. މުއްސަނދީން ފަގީރު ނިކަމެތީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. އާރާއި ބާރު ހުރި މީހުންނާއި މަތީ މަގާމުތަކުގެ ވެރިން އަނިޔާ ލިބެމުންދާ މީހުންގެ އަތުގައު ހިފައި އިންސާފު ހޯދައިދޭން މަސައްކަތް ކުރެވިދާނެއެވެ.

ޚުތުބާއި އަޅުގަނޑުމެންނަށް ބުނެދިނީ މާތް ﷲ އެކަލާނގެ ބައެއް އަޅުން މެދުވެރިކުރައްވައި އެކަލާނގެ އަނެއްބައި އަޅުންގެ ބޭނުންތައް ފުއްދަވައިދެއްވާކަމެވެ. މުއުމިނުންނަކީ އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާންޖެހޭ ބައެއް ކަމެވެ.