ބައިނަލްއަޤުވާމީ ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުމާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި މިހާތަނަށް 23 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެންމެ ފަހުން މި މައްސަލައިގައި މީހަކު ހައްޔަރުކުރީ މި މަހުގެ ތިންވަނަ ދުވަހުގައެވެ. އަދި މި މަހުގެ ދެވަނަ ދުވަހުވެސް މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މިމަހު ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭގެތެރެއިން އެކެއްގެ ބަންދަށް ހަތް ދުވަސް އަދި އަނެއް މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޔޯގާ ޑޭގެ ހަރަކާތަކީ ގިނަ އަދަދެއްގެ އާންމުންނާއި، ރާއްޖޭގެ އެތައް އިލްމުވެރިންތަކެއް އެ ހަރަކާތް ނުބޭއްވުމަށް ގޮވާލާ، އަޑުއުފުލަމުން ދަނިކޮށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ނުބޭއްވުމަށް އެފަރާތްތަކުން އަޑު އުފުލާފައިވަނީ މިއީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ކަމެއް ކަމަށް ބުނެއެވެ.

ޔޯގާ ނުވަތަ ސަންސްކްރިތު ބަހުރުވައިން ނަމަ "ޔޯގް" އަކީ، ޖިސްމާނީ، ސަފްސާނީ އަދި ރޫހާނީ ހަމަޖެހުމަށްޓަކައި ކަމަށްބުނެ، ދުނިޔޭގެ އެކި ކަންކޮޅުގައި ކުރަމުން އަންނަ ކަސްރަތެކެވެ.

އެކި ވައްތަރުތަކުގެ ޔޯގާ ދުނިޔޭގެ އެކި ހިސާބުތަކުގައި "މެޑިކޭޝަން" އެއްގެ ގޮތުގައި ބޭނުންކުރާއިރު، މިއީ ގަދީމީ އިންޑިއާ އިން ވުޖޫދުވެގެން އައި ކަސްރަތުގެ ބާވަތެކެވެ. ހިންދުއިޒަމް، ބުދިޒަމް އަދި ޖެއިނިޒަމްގެ އުސޫލުތައް އުނގަންނައިދޭ އެކި މަދަރުސާތަކުގައި ޔޯގާގެ ތަފާތު އެކިއެކި ވައްތަރުތައް ކިޔަވައިދެއެވެ.