ސަރުކާރަށް އަދި ދިވެހި އަސްކަރިއްޔާއަށް ދިގު މުއްދަތެއްގައި އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވި މއ. ހައިވަކަރުގޭ އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސްގެ ތައުޒިޔާގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް އަހުމަދުފުޅު 53 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދިވެހި ސަރުކާރަށް ޚިދުމަތްކުރެއްވި ކަމާއި، ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ކަމާއި، އޭނާއަކީ ސަރުކާރަށް ޚިދުމަތްކުރުމުގައި ރީތި ނަމޫނާއެއް ދެއްކެވި ހިތްވަރުގަދަ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.

އަލްމަރްޙޫމް ހައިވަކަރު އަހުމަދުފުޅު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 89 އަހަރެވެ.

އަލްމަރްޙޫމް ހައިވަކަރު އަހުމަދުފުޅު ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 8 އޮކްޓޯބަރ 1953 ގައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ދިވެހި އަސްކަރިއްޔާގައެވެ. 24 އަހަރަށް ވުރެ ގިނަ ދުވަހު އަސްކަރިއްޔާގެ ޚިދުމަތުގައި އުޅުއްވިއިރު، އޭނާ ވަނީ އަސްކަރިއްޔާގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން އަސްކަރިއްޔާގެ ސިފައިންގެ 4 ނަމްބަރު ސަރުދާރުކަމާއި 3 ނަމްބަރު ސަރުދާރުކަމާއި 2 ނަމްބަރު ސަރުދާރުކަމާއި 1 ނަމްބަރު ސަރުދާރުކަން ކުރެއްވިއެވެ.

އަލްމަރްޙޫމް ހައިވަކަރު އަހުމަދުފުޅަކީ، 3 އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަންވެސް ކުރައްވާފައެވެ. އަދި، މުލަކަތޮޅު އަތޮޅުވެރިކަން 2 ފަހަރެއްގެ މަތިން ކުރެއްވިއެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަމާއި، ރެންޓަލްސް ޑިވިޝަންގެ އެސިސްޓެންޓް މެނޭޖަރކަމާއި، މެނޭޖަރކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ.

އަދި އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

އަހުމަދުފުޅުގެ އަނބިކަނބަލުންނަކީ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރ ނަޖުމާ ހުސެއިންއެވެ. އެދެކަނބަލުންނަށް 8 ބޭފުޅުން ލިބިވަޑައިގެންފައިވާއިރު، ހުރިހާ ބޭފުޅުން ވެސް ގެންދަވަނީ އެކި ދާއިރާތަކުން ގައުމަށް ހިދުމަތް ކުރައްވަމުންނެވެ.

މިއަދު އަސްރު ނަމާދަށްފަހު އަހުމަފުޅުގެ ޖަނާޒާ ވަނީ ބާއްވާފައެވެ.