ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް މޯލްޑިވް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ސީއީއޯ އަދީ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ތޮއްޔިބް މިހެން ވިދާޅުވީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ ޕާާޓާ ޑެސްޓިނޭޝަން މާކެޓިންގ ފޯރަމް (ޕީޑީއެމްއެފް) 2022ގެ ހައި ލެވެލް ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕެނަލްގައި ވާހަކަ ދައްކަވަމުން ޠައްޔިބު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންދެވުނުގޮތާއި، އެ ދުވަސްވަރު ހާސިލްކުރެވިފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ކޮވިޑްގެ ފުރަބަންދުގެ ދުވަސްވަރު ރާއްޖެއިން ހޯދި ކާމިޔާބީތަކުގެ ތެރެއިން 18 ސެޕްޓެމްބަރު 2020ގައި ވޯލްޑް ޓްރެވަލް ޓޫރިޒަމް ކައުންސިލުން ރާއްޖެއަށް "ސޭފް ޓްރެވަލްސް" ސްޓޭންޕް ލިބުނުކަމާއި، ދުނިޔޭގެ 850,000 މީހުން ލައިވްކޮށް ބެލި ޑިޖިޓަލް ކެމްޕެއިން "މޯލްޑިވްސް؛ ދަ ސަން ވިލް ޝައިން އެގެއިން" އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދިޔަ ކާމިޔާބު "އައިމް ވެކްސިންނޭޓަޑް" ކެމްޕެއިން ފާހަގަކުރެއްވިއެވެ.
މި ޕެނަލް ނިންމާލައްވަމުން ޠައްޔިބު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މުސްތަގުބަލް ވަރަށްވެސް އުޖާލާ ކަމަށެވެ. އަދި މިއީ އެންމެން އެކުގައި އަތްކުރި އޮޅާލާ، މުސްތަގުބަލަށް ބޭނުންވާ ބަދަލުތައް ގެނައުމަށާއި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ މަޤާމު ދެމެހެއްޓުމަށް ހިތްވަރާއެކު ކުރިއެކޭ އެއްފަދައިން މަސައްކަތް ކުރުމުގައި ދެމިހުންނަންވީ ވަގުތުކަމަށެވެ.
މި ފޯރަމަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، ތަފާތު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޚާއްސަކޮށް ބޭއްވި ފޯރަމެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އޮގަސްޓް މަހުގެ 4ވަނަ ދުވަހު ތައިލެންޑްގެ ސޮންގްކްލާގައި ފެށި މި ހަރަކާތުގައި ތައިލެންޑްގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސްޕޯޓްސްއާއި ތައިލެންޑް ކޮންވެންޝަން އެންޑް އެގްޒިބިޝަން ބިއުރޯ (ޓީސީއީބީ)ގެ މައިސް ކޭޕަބިލިޓީ އެންޑް އިނޮވޭޝަންގެ ސީނިއަރ ނައިބު ރައީސާ ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން މި ފޯރަމްގައި ބީބީސީ ސްޓޯރީވޯކްސްގެ ނައިބު ރައީސާ، ޔުނެސްކޯ ތައިލެންޑްގެ ޕްރޮގްރާމް އޮފިސަރ ފޯ ކަލްޗަރ، އަދި ޖަޕާން މައިސް އެސޯސިއޭޝަންގެ ރައީސާ ފަދަ ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއަހަރުގެ ޕީޑީއެމްއެފްގެ ތީމް "ބިލްޑިންގ ބެކް ސަސްޓެއިނަބްލީ ތްރޫ ކަލްޗަރަލް ހެރިޓޭޖް އެންޑް ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް"ގެ ދަށުން އެހާ ބޮޑަށް ކުރިއަރާފައިނުވާ ފަތުރުވެރިކަމުގެ މަންޒިލްތައް މާކެޓްކޮށް، މެނޭޖްކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށް ވެސް އެއެމްޕީއާރުސީން މައުލޫމާތުވެއެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ޠައްޔިބު މި ފޯރަމްގައި ބައިވެރިވެވަޑައިގަތީ ޕާޓާގެ ދައުވަތަކަށް "ޑެސްޓިނޭޝަން މާކެޓިންގ އިން ދަ އޭޖް އޮފް ކޯވިޑް-19" މި މައުލޫއަށް ކުރިއަށް ގެންދެވުނު ޕެނަލް ޑިސްކަޝަންގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރުގެ 31 ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 990،791 ފަތުރުވެރިންނެވެ.
އެއަށްފަހު އައި ދެ އަހަރު މިއަދަދު ވަރަށް ބޮޑުތަން ދަށްވި ނަމަވެސް މިއަހަރު އަނެއްކާވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ މައްޗަށް އަރަމުންނެވެ. އެގޮތުން މިއަހަރުގެ 30 ޖުލައި މަހުގެ ނިޔަލަށް 942،444 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.