ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)އިން ރާއްޖެއަށް ޑައިލޮގް ޕާޓްނަރެއްގެ ދަރަޖަ ދިނުމަށް ނިންމި ނިންމުމަށް ރާއްޖެ އިން މަރުހަބާ ކިޔައިފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހު އުޒްބެކިސްތާނުގެ ސަމަރުކަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހެޑް އޮފް ސްޓޭޓްސް ސަމިޓްގައި، އެސްސީއޯ އިން ރާއްޖެއަށް ޑައިލޮގް ޕާޓްނަރެއްގެ ދަރަޖަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މި ނިންމުން ނިންމާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުން 28 ދުވަހަށް، އުޒްބެކިސްތާނުގެ ތަޝްކެންޓްގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ކަމަށް ވެސް ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޑައިލޮގް ޕާޓްނަރަކަށް ރާއްޖެ ވުމަކީ މި ސަރަހައްދުގެ އިގްތިސޯދީ ހަރަކާތްތަކުގެ މައި ތަނބުގައި ރާއްޖެ ތަމްސީލް ވާނެ ކަމެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖެއާއި މެންބަރު ޤައުމުތަކުން އިސްކަންދޭ ކަންކަން ޙާޞިލުކުރުމުގައި މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރުމަށް މަގުފަހިކޮއްދޭނެ ކަމަށް ބުނެއެވެ.

އެގޮތުން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމުގައި ރާއްޖެއިން ޢަމަލީގޮތުން ބައިވެރިވެ، ޚާރިޖީ ސިޔާސަތުގެ މައި ބަދަކަމަށްވާ އެސްސީއޯގެ މެންބަރު ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ފޮރިން މިސްޓރިން ބުނެއެވެ.

އެސްސީއޯގެ ނަމުގައި 2001 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އުފެއްދި މިޖަމާއަތުގައި ހިމެނެނީ، ރިޕަބްލިކް އޮފް އިންޑިއާ، ރިޕަބްލިކް އޮފް ކަޒަކިސްތާން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ކިރްގިސްތާން ރިޕަބްލިކް، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާން، ރަޝިއަން ފެޑެރޭޝަން، ރިޕަބްލިކް އޮފް ތަޖިކިސްތާން، އަދި ރިޕަބްލިކް އޮފް އުޒްބެކިސްތާނެވެ.