އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި، އެލްޓީ ސްޕޯޓްސް ކުލަބު އަތުންވީ ބައްޔާއެކު، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

އެލްޓީ އަތުން މިމެޗުން މޮޅުވެގެން ނިއުއަށް މި ގުރޫޕުގެ އެއްވަނަ ނުވަތަ ދެވަނައިގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރު ކުރެވުނީހެވެ. އެހެންނަމަވެސް މިއަދު ހަވީރު ކުޅުނު މެޗުގައި އެލްޓީ އަތުން 2-3 އިން ބަލިވުމާއެކު، ސެމީގެ ޖާގައެއް ނިއު އަށް ހޯދޭނީ ފަހު މެޗުގައި މިމަހުގެ 11 ވަނަ ދުވަހު މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ބައްޔާއެކު ނިއު ޕޮއިންޓު ތާވަލުގެ ދެވަނައަށް ވެއްޓުނުއިރު، އެއްވަނައިގައި އޮތީ އެލްޓީއެވެ. ނިއުއަށް ދެވަނަ ލިބެނީ 5 މެޗުން 12 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އެލްޓީ އޮތީ 5 މެޗުން 13 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި ޓީނޭޖު އޮތީ 4 މެޗުން 9 ޕޮއިންޓާއެކުއެވެ. ޓީނޭޖަށް މިރޭ ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެން ދެވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ނިއުއަށް މިމަހުގެ 11 ވަނަ ދުވަހު މަހިބަދޫ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސެމީގެ ޖާގައެއް ކަށަވަރުވަނީ، ލީގު ބުރުގެ ފަހު މެޗުގައި އެލްޓީ އާއި ޓީނޭޖް ކުޅޭތީއެވެ. އެއީ މަހިބަދޫ އަތުން މޮޅެއް ހޯދައިގެން ނިއުއަށް 6 މެޗުން 15 ޕޮއިންޓު ލިބޭތީއެވެ. އެލްޓީ އާއި ޓީނޭޖު ބައްދަލުކުރާ މެޗު ކުޅޭނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެމެޗުން މޮޅުވެގެން އެލްޓީއަށް 17 ޕޮއިންޓު ލިބޭއިރު، މިރޭގެ މެޗުން މޮޅުވެ، އެލްޓީގެ މައްޗަށް 9 ވަނަ ދުވަހު ޓީނޭޖް ކުރިހޯދައިގެން ލިބޭނީ 15 ޕޮއިންޓެވެ. ޓީނޭޖް އެމެޗުން މޮޅުވެއްޖެނަމަ އެލްޓީ އަށް ސީޒަން ނިމޭނީ 6 މެޗުން 13 ޕޮއިންޓާއެކުއެވެ. އަނެއްކޮޅުން އެމެޗު އެއްވަރުވެއްޖެނަމަވެސް ނިއުއަށް ތާވަލުގެ އެއްވަނައިގައި އޮވެގެން ދެވަނަ ބުރަށް ދެވޭނެއެވެ.

އެލްޓީ އާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅެ ނިއު ބަލިވިއިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ނިއުރޭޑިއަންޓުންނެވެ. ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވޭއިރު މެޗުގައި ނިއުރޭޑިއަންޓުން ފުރަތަމަ ލަނޑުޖެހީ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ އެވެ.

އެލްޓީއިން ވަނީ މެޗުގެ 59 ވަނަ މިނެޓުގައި ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން ޝުއެއިބް އެވެ. އެއަށްފަހު އެލްޓީ އިން މެޗުގައި ލީޑުނެގީ ނިއުގެ ޝަމްވީލް މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑުން މެޗުގެ 79 ވަނަ މިނެޓުގައެވެ.

ނިއުގެ ކޯފީ ވަނީ އަނެއްކާވެސް ލަނޑެއްޖަހާ މެޗުން ޕޮއިންޓެއް ހޯދުމުގެ ފުރުސަތު އެޓީމަށް ހޯދައިދީފައެވެ. މިލަނޑު އޭނާ ޖެހީ މެޗުގެ 82 ވަނަ މިނެޓުގައެވެ. އެހެންނަމަވެސް މޮޅު ކުޅުމަކާއެކު އެލްޓީއަށް މެޗުން 3 ޕޮއިންޓު ކަށަވަރުކޮށްދީ، އެޓީމަށް ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލެވުނީ، 84 ވަނަ މިނެޓުގައި އިސްމާއިލް ވިފާގް (އިއްސެ) ޖަހައިދިން ލަނޑުންނެވެ.

މިމެޗުން ނިއުރޭޑިއަންޓް ބަލިވިނަމަވެސް، އެޓީމަށް ސަޕޯޓުދީ، ހިތްވަރު ދިނުމަށްޓަކައި ގަލޮޅު ދަނޑަށް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަން ކަން ފާހަގަކޮށްލެވެއެވެ. އަދި ކުރިއަށް އޮތް މަހިބަދޫ މެޗުގައިވެސް ނިއުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ދަނޑަށްވަދެ، ޓީމަށް ހިތްވަރުދޭނެކަމަށް "ވީނިއުސް" އާއި ވާހަކަދައްކަވަމުން ނިއުރޭޑިއަންޓުގެ އެކްސްކްލޫސިވް މާޗެންޑައިސިންގ އެންޑް މާކެޓިންގ ޕާޓްނަރު ޕްލޭ ޑޭ މޯލްޑިވްސްގެ ސީއީއޯ އަދި ކޯ ފައުންޑަރ، އަލީ ހަމީދު ވިދާޅުވިއެވެ. އެކަމަށްޓަކައި ދުރާލާ ތައްޔާރުވަމުންދާކަންވެސް އަލީ ހާމަކުރެއްވިއެވެ.

ނިއުރޭޑިއަންޓުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ފުޓުބޯޅައިގެ ރަސްކަމަށް އިސްވުމަށް ކުރަމުން އަންނަ ދަތުރުގައި ވީމީޑިއާ އަކީ އެކުލަބުގެ މީޑިއާ ޕާޓްނަރެވެ. ނިއުއިން މިހާތަނަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު މެޗުތައް ފޭސްބުކުގައި، ނިއުރޭޑިއަންޓުގެ ރަސްމީ ޕޭޖަށް، ވީމީޑިއާއިން މެޗު ލައިވް ކޮށްދިން ނަމަވެސް، މިއަދުގެ މެޗު ލައިވް ކުރުމަށް ކުރި މަސައްކަތަށް، ލިބެންޖެހޭ ހުއްދަ ނުދިނުމުގެ ސަބަބުން ވަނީ ހުރަސް އެޅިފައެވެ.