ސްރީލަންކާގެ ގޯލްފޭސްގައި މުޒާހަރާކުރާ މީހުން ޖަހާފައިވާ ކޭމްޕް ރޫޅާލުން ފަސްކޮށްފިއެވެ.
ސްރީލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ފެށި މީހުން ކޭމްޕް ޖަހާފައިވާ ގޯލްފޭސް މައިދާން، މިއަދު ހަވީރު ސްރީލަންކާ ގަޑިން 5 ޖެހުމުގެ ކުރިން ހުސްކުރަން ފުލުހުން އެންގީ މިދިޔަ ބުދަ ދުވަހުއެވެ.
ނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ފަރާތުން މިމައްސަލަ އިއްޔެވަނީ ކޯޓު އޮފް އެޕީލްސްއަށް ހުށަހަޅާގައެވެ.
އެމީހުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ގޯލްފޭސް ކޭމްޕް ރޫޅާލަން ކަމާބެހޭ އެއްވެސް އިދާރާއަކުން ކުރާ މަސައްކަތެއް ހުއްޓުވައި ދިނުމަށެވެ.
އެގޮތުން، ގޯލްފޭސް ކޭމްޕް ރޫޅާލުން ހުއްޓުވައިދިނުމަށް ކޯޓު އޮފް އެޕީލްސްއަށް 3 ޕެޓިޝަނެއް ހުށަހަޅާފައި ވެއެވެ.
މިމައްސަލަތަކާ ގުޅިގެން ސްރީލަންކާ ސަރުކާރުގެ އެޓަރނީ ޖެނެރަލްވަނީ، ގޯލްފޭސް ކޭމްޕް، އަންނަ ހަފްތާގެ ބުދަދުވަހުގެ ކުރިން ރޫޅާނުލާނެކަން ކޯޓަށް އަންގަވާފައެވެ. އެކަން ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް އެޓަރނީ ޖެނެރަލް ވިދާޅުވެފައި ވެއެވެ.
ސްރީލަންކާގެ އެތައްހާސް އާންމުން މާޗްމަހުން ފެށިގެން ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން "ގޮޓަގޯގަމަ" ގެ ނަމުގައި ގޯލްފޭސް ގްރީން މައިދާނުގައި ކޭމްޕް ޖަހާފައިވާތާވެސް އެތައް މަހެއް ވެއްޖެއެވެ.
އެމީހުން އެ މައިދާނުގައި ޓެންޓް ޖަހައި، ހަޓުހަދައި، އެކި ކަހަލަ އިމާރާތްތައް ހަދައި، ވިޔަފާރިކުރުމާއި، ކައްކާ ކައިބޮއި ނިދައި ހަދަމުން ގެންދިޔައީވެސް އެ މައިދާނުގައެވެ.
މިދިޔަ ބުދަދުވަހު ފުލުހުން ބުނެފައިވަނީ، ގޯލްފޭސް ގްރީން އާއި، ވަށައިގެންވާ ސަރަހައްދުތަކުގައި ކޭމްޕް ޖަހައިގެން ތިބި މީހުން އެތަނުގައި ގަވާއިދާ ޚިލާފަށް އިމާރާތްތައް ހަދައި އަދި ދަނޑުވެރިކަންވެސް ކުރަމުންދާ ކަމަށެވެ. އެ ބިމަކީ، ސަރުކާރުގެ ބިމެއް ކަމަށްވާތީ އެތަން ހުސްކުރަން އެންގީ ކަމަށް ބުންޏެވެ.
މުހުލަތު ހަމަވާއިރު އެތަނުގައި ތިބޭ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނޭ ކަމަށްވެސް، ސްރީލަންކާ ފުލުހުން މިދިޔަ ބުދަދުވަހު ބުނެފައި ވެއެވެ.
މައްސަލަ ކޯޓަށް ވެއްދުމާއި، އަދި ކޭމްޕް ރޫޅާލުން ފަސްކުރިކަން ސަރުކާރުން ކޯޓަށް އަންގާފައިވާއިރު، މިދިޔަ ބުދަދުވަހު ފުލުހުން އެންގި އެންގުމާ ގުޅިގެން މައިދާނުގައި ހަދާފައިވާ ބައެއް ޓެންޓުތަކާއި ހަޓުތައްވެސް ރޫޅާލާފައިވާ ކަމަށް ސްރީލަންކާގެ މީޑިއާއިން ބުނެއެވެ.
ގޯލްފޭސްގެ ކުރިމައްޗަށް ވާގޮތަށް ހުންނަ ސްރީލަންކާ ރައީސްގެ ރަސްމީ އޮފީސް ހިސާރުކޮށްގެން ތިބުމަށްފަހު، ފަހުން އެ އޮފީހުގެ ދޮރުމަތީ ސަރަހައްދުގައި ގާއިމްވެތިބި މުޒާހަރާގެ ބައިވެރިން، ސަލާމަތީ ބާރުތަކުންވަނީ ބާރުގެ ބޭނުންކޮށްގެން އެތަނުން ދުރުކޮށްފައެވެ.
އަދި ގޯލްފޭސްގައި ކޭމްޕް ޖަހައިގެންތިބި މީހުންނަށްވެސް ހަމަލާދީ، ސަލާމަތީ ބާރުތަކުން ވަނީ އެމީހުން ޖަހާފައިވާ ޓެންޓްތަކާއި ކޭމްޕްތަކަށްވެސް ބޮޑެތި ގެއްލުން ދީފައެވެ. މިކަމުގެ ތެރޭގައި ފަންސާހަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ.
ނަމަވެސް، ދުނިޔޭގެ ޕްރެޝަރު ބޮޑުވެގެން ސަލާމަތީ ބާރުތަކަށް ގޯލްފޭސް ހުސްކުރެވޭގޮތެއް ނުވިއެވެ.
ބަދަލުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަވަނީ، މުޒާހަރާ ކުރާ މީހުންނަށް އެކަމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި އިއުލާން ކުރައްވާފައެވެ. އަދި ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.