ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖޭން އަބަދުވެސް ގަބޫލުކޮށް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފިއެވެ.

ޓައިވާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބެލިޔަސް، ޗައިނާއިން ދެކޭގޮތުގައި އެއީ އެގައުމުގެ ބައެކެވެ.

އެކަން އެހެން އޮއްވައި، އެމެރިކާގެ ކޮންގްރެސްގެ ރައީސާ ނޭންސީ ޕެލޮސީ ދާދިފަހުން ޓައިވާނަށް ވަޑައިގަތުމުން މައްސަލަ އަނެއްކާވެސް ހޫނުވެފައިވެއެވެ.

ދުނިޔޭގެ މަސްރަހުގައި އަނެއްކާވެސް ޗައިނާ-ޓައިވާނުގެ މައްސަލަ ހޫނުވުމާ ގުޅިގެން، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޓައިވާނަށް ޕެލޮސީ ވަޑައިގަތުމުން ރާއްޖޭގެ ވިސްނުން އިއްޔެ ހާމަކޮށްފައިވާ ކަމަށެވެ.

އެގޮތުން ބައިނަލްއަގްވާމީ މަސްރަހުގައި "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން ދަމަހައްޓާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައިވާ ކަމަށް ޓްވީޓްގައި ވެއެވެ.

އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ އަބަދުވެސް ގާތް ގުޅުމެއް ކަމަށް ދިވެހި ސަރުކާރާ ހަވާލާދީ ޗައިނާގެ ސަރުކާރުން ބުނެއެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިންވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. ވަންގްގެ ޓްވީޓްގައި ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ކުރިމަގުގައި އިތުރު ގޮތްގޮތުން ރާއްޖެއާ ގުޅުންތައް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައެވެ.

އެންބަސީން މިހެން ބުނެފައިވާއިރު، ރާއްޖޭގެ ފޮރިން މިނިސްޓރީން ބުނީ، ބައެއް މީޑިއާ ރިޕޯޓްތަކާ ޚިލާފަށް، ޗައިނާގެ މައްސަލައާ ގުޅިގެން މިނިސްޓްރީން ބަޔާނެއް ނެރެފައެއް ނުވާކަމަށެވެ. ނަމަވެސް ވަން ޗައިނާ ޕޮލިސީއަށް ދިވެހި ސަރުކާރުން އަހައްމިއްޔަތު ދޭކަން ކަށަވަރުކޮށްދިނުމަށް މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބުދާރި ވެފައިވާ ކަމަށް މިނިސްޓރީން ބުނެއެވެ.