އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ފަލަސްތީނު މީޑިއާއިން ބުނެފައިވަނީ، ޝަހީދުވި މީހުންގެ އަދަދު 10 އަށް އިތުރުވެފައި ވާއިރު، ޒަޚަމްވި މީހުންގެ އަދަދު 55 އަށް އަރާފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުން ޣައްޒާގެ އެކި ތަންތަނަށް ބޮންއަޅަން ފަށާފައިވަނީ މިއަދު މެންދުރު ފަހުންނެވެ.

އިސްރާއީލުން ޣައްޒާއަށް ބޮންއަޅަން ފެށީ، އިސްލާމިކް ޖިހާދު ޖަމާއަތާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާކަން އިއުލާން ކުރުމަށް ފަހުގައި ކަމަށް ފަލަސްތީނުން ބުނެއެވެ.

ހަމަލާތައް އަމާޒުކުރި ބައެއް ތަންތަނަކީ އިސްލާމިކް ޖިހާދު ޖަމާއަތަށް ނިސްބަތްވާ ތަންތަން ކަމަށް ވެއެވެ. މި ހަމަލާތަކުގައި އިސްލާމިކް ޖިހާދުގެ އަސްކަރީގެ ފިޔައިގެ އިސް ކޮމާންޑަރެއް ކަމަށްވާ ތައިސީރް ޖާބަރީ ޝަހީދުކޮށްލާފައި ވެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިންގެ ބޮމުގެ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް އަމާޒުކޮށްފައި ވެއެވެ.

މިހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން އެންމެ 5 އަހަރުގެ ތުއްތު އަންހެން ކުއްޖަކުވެސް ހިމެނެއެވެ. އަދި އާންމު އިތުރު މީހުންވެސް ހިމެނެއެވެ.