އިސްރާއީލު ސިފައިން އިސްލާމިކް ޖިހާދު ޖަމާއަތުގެ ތަންތަނަށާއި، ޣައްޒާގެ އެކި ތަންތަނަށް ބޮން އެޅުމާއި، އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލުމުން އެކަމުގެ ބަދަލު ވަރަށް ވަރުގަދައަށް ހިފަން އެޖަމާތުން ތައްޔާރު ވެއްޖެއެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުގެ ވެރިޔާ ޒިއާދު ނަޚަލީއާ ހަވާލާދީ ފަލަސްތީނުގެ މީޑިއާއިން ބުނެފައިވަނީ، އިސްތިއުމާރީ އިސްރާއީލުގެ އުދުވާނުތަކަށް ކުރިއަށްއޮތް ގަޑިތަކުގައި ވަރަށް ވަރުގަދަ ރައްދުތަކެއް ދޭނޭ ކަމަށެވެ.

އިސްލާމިކް ޖިހާދުގެ މިސައިލް ހަމަލާތަކުގެ އެއް އަމާޒަކީ އިސްރާއީލުގެ ތެލްއަވީވް ކަމަށްވެސް ޒިއާދު ވިދާޅުވެފައި ވެއެވެ.

އިސްރާއީލުގެ އިސްތިއުމާރާއި އުދުވާނުތަކާ ދެކޮޅަށް ޣައްޒާގައި ޖަމާއަތްތައް ހަރަކާތްތެރިވަނީ އެކަތިގަނޑެއްގެގޮތުގައި، އެއް ހަށިގަނޑެއްގެގޮތުގައިކަން ދުޝްމަނަށް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށްވެސް އިސްލާމިކް ޖިހާދު ޖަމާއަތުގެ ވެރިޔާ ވިދާޅުވެފައި ވެއެވެ.

އަނެއްކޮޅުން، ޖޮއިންޓް ޗެމްބަރ އޮފް ދަ ޕަލަސްތީނިއަން ރެސިސްޓެންސް ފެކްޝަންސްއިން ބުނެފައިވަނީ، އިސްރާއީލުން ހިންގި މި އުދުވާނަށް ރައްދުނުދީ ނުދާނެކަމަށާއި، ޖަމާއަތްތަކުގެ ވެރިން ނިންމަވާ ބީދައަކުން އޭގެ ހިތި އިސްތިއުމާރީ އިސްރާއީލަށް ދައްކާނޭ ކަމަށެވެ.

އިސްރާއީލު ސަރުކާރުގެ ރޭޑިއޯއިން، ޣައްޒާއާ ގާތުގައި ދިރިއުޅޭ އިސްރާއީލުގެ އާންމުންނަށް އަންގާފައިވަނީ ހަމަލާތަކުގެ ދަނޑިވަޅުގައި ރައްކާތެރިކަން ހޯދާ ބިންގަރާސްތަކަށް ވަނުމަށް ތައްޔާރުވެ ތިބުމަށެވެ. އަދި ޣައްޒާއާ 80 ކިލޯމީޓަރު ހިސާބުގައި އާންމު އެއްވެސް ހަރަކާތެއް ނުހިންގުމަށް ވަނީ އަންގާފައެވެ.

އިސްރާއީލުގެ ރޭޑިއޯއިން ބުނެފައިވަނީ، ސިފައިން މިހާރު ތައްޔާރުވެތިވީ ޣައްޒާ ތެރެއިން ރޮކެޓް ހަމަލާތައް އަންނާނެ ކަމަށެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 10 މީހުން ޝަހީދުވެ، 55 މީހުން ޒަޚަމްވެފައި ވެއެވެ.

އިސްރާއީލު ސިފައިން ބުނެފައިވަނީ، ޣައްޒާއަށް ބޮންއެޅީ، އިސްރާއީލުގެ ރައްޔިތުންނަށް ނުރައްކާކުރާ އިސްލާމިކް ޖިހާދު ޖަމައަތުގެ ބަޔަކު "ނައްތާލަން" ކަމަށެވެ.

ޣައްޒާއަށް ދިން އުދުވާނީ ހަމަލާތަކަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލިޕިޑާއި، ދިފާއީ ވަޒީރު ބެނީ ގަންޒް ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ޓެރަރިސްޓް" ޖަމާއަތްތަކަށް އިސްރާއީލުގެ ރައްޔިތުންނަށް ބިރުދެއްކުމަށް ފުރުސަތު ނުދޭނޭ ކަމަށާއި، އަދިވެސް ޣައްޒާއަށް ހަމަލާދޭނޭ ކަމަށެވެ.