ހަމަޔާއި އިންޞާފަކީ އެކިމީހުންނަށް އެކިގޮތަށް އޮންނަ އެއްޗެއްތޯ އައްސަވައި، މަޝްހޫރު ތަފްސީރު އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސަރުކާރަށް ސުވާލުކުރައްވައިފިއެވެ.

ޑރ. އިޔާޒް މިފަދަ ސުވާލެއް ސަރުކާރަށް މި އަމާޒުކުރެއްވީ، ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާތީއެވެ.

މިކަމާއި ގުޅިގެން ޑރ އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ، އެމްއެންޑީއެފްގެ ބޭކަލުން ބޮލުގައި ބަޑިޖައްސައިގެންކަމަށް އެމަނިކުފާނު ވިދާޅުވެ، އެމުއައްސަސާގެ އަގުވައްޓާލާ, އޭގެ ސަބަބުން ބަޔަކު ލޭކެކި މުޅި ޤައުުމުގައި ހުޅުޖެހީމާވެސް އެމަނިކުފާނު ޒިންމާވާން ނުޖެހުނުކަމަށެވެ.

އެހެންނަމަވެސް، މުންކަރާތެއް މަނާކުރެއްވުމުގެ ގޮތުން ޝައިޚް އާދަމް ނިޝާން ދެއްކެވި ވާހަކައެއްގެ ސަބަބުން ބަޔަކު މީހުން މަރާމާރީ ހިންގިކަމަށް ބުނެ ޝައިޚްގެ ބޮލުގައި ޒިންމާ އަޅުވާ އެކަމުގެ މަސްއޫލިއްޔަތު ޝަައިޚް އުފުއްލަން ޖެއްސުމަކީ އިންޞާފުތޯ ޑރ އިޔާޒް ވަނީ އައްސަވާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ދިވެހި ފުލުހުންގެ މުއައްސަސާ ޓެގްކުރައްވާ ޑރ. އިޔާޒް ކުރެއްވި މި ޓްވީޓްގައި ވަމީ، ހަމަޔާއި އިންޞާފަކީ އެކި މީހުންނަށް އެކިގޮތަށް އޮންނަ އެއްޗެއްތޯވެސް ސުވާލުކުރައްވާފައެވެ.

ޝެއިޚް ނިޝާންގެ ފަރާތުން އޭނާ ބަންދުކުރަން ނެރުނު އަމުރުތަކުގެ ތެރެއިން ފުރަތަމަ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އިސްތިއުނާފީ އަޑުއެހުންތަކަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝެއިހް ނިޝާން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި އިޖުރާއީ އުނިކަމެއް ހުރި ނަމަވެސް އެ އުނިކަމަކީ އޭގެ ސަބަބުން އެއަމުރު ބާތިލުވާނެ އުނިކަމެއް ނޫން ކަމަށެވެ.

އަދި، އެމައްސަލާގައި ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތަކީ ޝައިޚް ނިޝާން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ މިންވަރުގެ ހެއްކެއް ކަމުގައި ދެކޭކަމަށްވެސް ހައިކޯޓުން ވަނީ ބުނެފައެވެ.

ޔޯގާ ޑޭގެ ހަމަނުޖެހުންތަކާއި ގުޅިގެން ޝެއިޚް ނިޝާންގެ އިތުރުން ޝެއިޚް ފަޟްލޫން މުހައްމަދު ވެސް ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް ޝެއިޚް ފަޟްލޫން މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.

މި މައްސަލައާއި ގުޅިގެން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާއިރު، ދީނީ އިލްމުވެރިންނާއި ސިޔާސީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.