ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާންގެ ބަންދު ދަމަހައްޓަން ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
ޝެއިޚް ނިޝާން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.
ޝެއިޚް ނިޝާންގެ ފަރާތުން އޭނާ ބަންދުކުރަން ނެރުނު އަމުރުތަކުގެ ތެރެއިން ފުރަތަމަ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އިސްތިއުނާފީ އަޑުއެހުންތަކަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ނިޝާން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި އިޖުރާއީ އުނިކަމެއް ހުރި ނަމަވެސް އެ އުނިކަމަކީ އޭގެ ސަބަބުން އެއަމުރު ބާތިލުވާނެ އުނިކަމެއް ނޫން ކަމަށެވެ.
އަދި، އެމައްސަލާގައި ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތަކީ ޝައިޚް ނިޝާން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ މިންވަރުގެ ހެއްކެއް ކަމުގައި ދެކޭކަމަށްވެސް ހައިކޯޓުން ވަނީ ބުނެފައެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ޝެއިޚް ނިޝާން ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.
ޝެއިޚް ނިޝާންގެ ގާނޫނީ ވަކީލުން ބުނެފައިވަނީ ހައި ކޯޓުގެ ނިންމުމުގައި ވަރަށް ބޮޑެތި ގާނޫނީ ގޯސްތަކެއް ހުރިކަން ފާހަގަވާ ކަމަށާއި އެހެންކަމުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.