ހުޅުމާލޭ އުތުރު އަވަށުގައި ހުންނަ ސްޓެލްކޯގެ ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.

ފްލެޓްތަކުގެ ތަޅުދަނޑު މުވައްޒަފުންނާ ހަވާލުކޮށްފައިވަނީ، މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ސްޓެލްކޯގެ ހިޔާ ފްލެޓްތައް ބެހިފައިވަނީ 15 ފަންގިފިލާގެ 2 ޓަވަރަކަށެވެ. ޖުމްލަ 360 އެޕާޓްމަންޓް ހިމެނޭހެން ތަރައްޤީކުރާ މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.

މިއަދު ހަވާލު ކޮށްފައިވަނީ އެގްރިމެންޓްގައި ސޮއިކުރި 306 އެޕާޓްމަންޓްގެ ތަޅުދަނޑިއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ދޫކުރި ފްލެޓްތަކުގެ ތެރެއިން 52 މީހަކާއެކު އަދި ފްލެޓް އެއްބަސްވުމުގައި ސޮއި ނުކުރެއެވެ. އެ ފަރާތްތަކަށް ސޮއި ކުރުމަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަގުތު ދޭނެކަމަށް ސްޓެލްކޯއިން މައުލުމާތުދެއެވެ. އޭގެ ފަހުން އެގްރިމެންޓްގައި ސޮއި ނުކުރާ ފަރާތްތަކުގެ ފްލެޓްތައް އެހެން ސްޓާފުންނަށް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯ މުވައްޒަފުންގެ ފްލެޓްތަކުގެ އަގުތަކަށް ބަލާއިރު، ފްލެޓްތަކުގެ ޑައުންޕޭމެންޓެއްގެ ގޮތުގައި 350،000 ރުފިޔާ ދައްކަން ޖެހެއެވެ. ފްލެޓްތަކުގެ އަގު ދެއްކުމުގެ މުއްދަތަކީ 18 އަހަރެވެ.

އެއް ކޮޓަރީގެ ފްލެޓްތަކުގެ މަހުކުއްޔަކީ 5،622 ރުފިޔާއެވެ. ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓްތަކުގެ މަހު ކުއްޔަކީ 10،356 ރުފިޔާއާއި 10،652 ރުފިޔާގެ ދެމެދެވެ. އަދި މެންޓެއިނަންސް ފީއެއްގެ ގޮތުގައި އެއްކޮޓަރީގެ ފްލެޓް ތަކުން 1000 ރުފިޔާ އަދި ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓް ތަކުން 1300 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްއެޅުމަށް ގިނަ ކުންފުނިތަކަކުން ބައިވެރިވި ނަމަވެސް މީގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަނީ 4 ކުންފުންޏަކުންނެވެ. އެއީ ސްޓެލްކޯއާއި، އެމްޑަބްލިއުއެސްސީ، އެމްޕީއެލް، އެމްއޭސީއެލްއިންނެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ކުންފުނިތަކުގެ ބެލުމުގެދަށުންނެވެ. ނަމަވެސް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ކޮންޓްރެކްޓަރުންނާއެކު ހަދާ އެއްބަސްވުންތަކުގެ ދަށުންނެވެ.