ފާދިއްޕުޅު ނައިފަރުގައި ހުންނަ ޅ އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހާޓް އެޓޭކެއް ޖެހިގެން ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން އޭނާ މަރުވި ކަމަށް ބުނާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ.

ނައިފަރުގައި މިދިޔަ ހޯމަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި މީހަކާ މެދު ޅ. އަތޮޅު ހޮސްޕިޓަލުން އިހުމާލުވެފައިވާ ކަމަށް ބުނެ އާއިލާއިން ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާއިރު، އެ އާއިލާއިން ވަނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

މިމައްސަލައާއި ގުޅިގެން ނައިފަރު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވީ ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ މީހަކަށް ފަރުވާ ދިނުން ލަސްވަގެން ނުވަތަ އިހުމާލުން މަރުވިކަމަށް ބުނާ މައްސަލައެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި، އެއްވެސް ފަރާތަކުން އެފަދަ މައްސަލައެއް ހުށަހަޅާފައިނުވިޔަސް، އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ސަމާލުކަމަށް އައިސްފައިވާތީ އެކަން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ޅ އަތޮޅު ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މީހަކު މަރުވުމާއި ގުޅިގެން 5 އޯގަސްޓް 2022 ގައި މީޑިއާގައި އާންމުކޮށްފައިވާ ރިޕޯޓުގައި އެހޮސްޕިޓަލުގެ އިހުމާލުތަކެއް ފާހަގަކޮށްފައިވާތީ، އެދުވަހު ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތްބަލާ ހޮސްޕިޓަލުގެ އިހުމާލެއް ވޭތޯ ބެލުމުގެ ފުރިހަމަ ތަހުގީގެއް އެހޮސްޕިޓަލުން ފަށާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ފާޙަގަކުރެވޭ ކަންކަމުގައި އަމަލުކުރާނެ ވަކިގޮތެއް ބަލައި، އިހުމާލު ވެފައިވާނަމަ އެކަމުގައި ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި ހުށަހަޅާނެ ކަމަށްވެސް ޅ އަތޮޅު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.