ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެނަމަ އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއްކުރަން ކަނޑައަޅާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަށްދުގައި ބޭރުގެ މަސްވެރި އުޅަނދު ފަހަރުން ރިޕޯޓްކުރުމެއް ނެތި، ގާނޫނާއި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާއި ބެހޭ ގަވައިދު އާންމުކޮށްފިއެވެ.
މިގަވައިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، ބޭރުގެ މަސްވެރި އުޅަނދުފަހަރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި، ބެލެހެއްޓުމެއް ނެތި، އަދި ރިޕޯޓުކުރުމެއް ނެތި، ޤާނޫނާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި، ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުފަހަރު ހިފެހެއްޓުމާއި އެއުޅަނދުފަހަރުގެ މައްސަލަ ބެލުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ޤާއިމުކުރުންވެސް މި ގަވައިދުގެ މަގްސަދުތަކުގެ ތެރޭގައި ހިމެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި، ރިޕޯޓުކުރުމެއް ނެތި، ޤާނޫނާއި ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ އުޅަނދުފަހަރާމެދު އަޅާނެ އިދާރީ ފިޔަވަޅުތައް ބަޔާންކުރުމަކީވެސް މި ގަވައިދުގެ މަގްސަދެކެވެ.
މިގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭކަންތަކާ ގުޅޭ މައުލޫމާތު ނުވަތަ ލިޔުންތައް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު، ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރާއި ގުޅޭ ސިޔާސަތުތައް އެކުލަވައިލުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ ވުޒާރާއާއި، މިނިސްޓްރީގެ މެދުގައި ބަދަލުކުރެވޭނެ ނިޒާމެއް މި ގަވައިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ގާއިމް ކުރަން ވާނެކަމަށް މި ގަވައިދުގައި ބުނެއެވެ.
ބޭރުގެ މަސްވެރި އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހަށްދަށް ވަނުމާއި ހުރަސްކުރުމުގައި އަމަލުކުރަން ޖެހޭނެ އިޖުރާއަތުތަކުގެ ތެރޭގައި، ބޭރުގެ މަސްވެރި އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަށްދައް ވަންނަން ވާނީ ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކޮށްފައި ދަތުރުކުރަން ވާނީ ދުރާލައި މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ. ކުރިއާލައި މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަ ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކުރުމަށް މަސައްކަތް ކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރު ކަނޑުމަތިން ހުއްޓުވައި ބަލައި ފާސްކުރުމުގެ ބާރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަންފީޒީ އޮފިސަރުންނަށާއި ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުންނަށް ލިބިގެންވާކަމަށް ގަވައިދުގައިވއެވެ.
ގަވައިދުގައި ބުނާގޮތުން، ބޭރުގެ މަސްވެިރއުޅަނދެއް ކުރިއާލައި މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެއްޖެ ނަމަ، ނުވަތަ ވަންނަން މަސައްކަތްކޮށްފިނަމަ، ނުވަތަ ހުރަސްކުރަން މަސައްކަތްކޮށްފިނަމަ، ނުވަތަ ހުރަސްކޮށްފިނަމަ، އެ އުޅަނދަކުން އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދެއްގައި ބެލެވޭނީ އެ އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނީ، މަސްވެރިކަން ނުވަތަ މަސްވެރިކަމާއި ގުޅުން ހުރި ހަރަކާތެއް ހިންގުމަށް ކަމުގައެވެ. މި ގޮތަށް އަތުލައިގަނެވޭ އުޅަނދުތަކުގައި ހުރި އެއްވެސް ބާވަތެއްގެ މަހެއް ނުވަތަ މަހުގެ ބައިތައް އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހައި ހިނދަކު ބެލެވޭނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބާނައިފައި ނުވަތަ ހިފައިފައިވާ މަހުގެ ގޮތުގައިކަމަށް ގަވައިދުގައި ބުނެއެވެ.
ބޭރުގެ މަސްވެރި އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުމުގެ ނުވަތަ ހުރަސްކޮށްފައި ދިއުމުގެ ބޭނުމަށް ދަތުރުކުރަން ފެށުމުގެ 96 ގަޑިއިރު ކުރިން އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރުގެ ފަރާތުން ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށް ގަވައިދުގައިވެއެވެ.
މިނިސްޓްރީގެ ފަރާތުން ދުރާލައި ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުން ނުވަތަ ވަންނަން މަސައްކަތް ކުރާ ފަރާތްތައް އެއް ލައްކަ ރުފިޔާއިން ޖޫރިނަމާކުރެވޭނެކަމަށް ގަވައިދުގައި ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުމަށް ނުވަތަ ހުރަސްކޮށްފައި ދިއުމަށް ދޫކުރާ ހުއްދައިގެ ޝަރުޠަކާ ޚިލާފު ޢަމަލެއް ހިންގާ ފަރާތައްވެސް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން ނުވަތަ އެފަދަ މަސްވެރިކަމެއް ކުރުމަށް މަސައްކަތްކޮށް، އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވފައިވާނަމަ ދެ މިލިއަން ރުފިޔާއާއި 40 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ.
މިގަވާއިދު ހިނގާނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ ބިދޭސީންނާއި، ކަނޑުގައި ދުއްވާ ބޭރުގެ އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރާއި، ނުވަތަ އެނޫންވެސް އުޅަނދުފަހަރާއި، އެ އުޅަނދުތަކުގައި ހަރަކާތްތެރިވާ އެންމެލައި ފަޅުވެރިންނާއި، އެ ގާނޫނުގެ ިއިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި ފަރާތްތަކުގެ މައްޗަށެވެ. ބުރާސްފަތި ދުވަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު އާންމުކުރުމާއެކު މިހާރު ވަނީ މި ގަވައިދަށް އަމަލުކުރަން ފަށާފައެވެ.