މީސްމީޑިއާގައި ދައުރުވަމުން އަންނަ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ނުހިމެނޭ ކަމަށް ފުލުހުންގެ ތަހުގީގުން ނިންމައިފިއެވެ.

ސިޔާސީ ގޮތުން ފުންނާބު އުސް ފަރާތްތަށް ކަމަށް ތުހުމަތުކުރެވޭ ބޭފުޅުންވެސް ހިމެނޭހެން މިފަހުން މީސްމީޑިއާގައި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ލީކުވެފައިވާއިރު، އޮންލައިން ނޫސް "ދިޔަރެސް" ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބަރަހަނާ މަންޒަރުތަކެއް ފެންނަ ވީޑިއޯއަކާ ހަވާލާދީ، އެވީޑިއޯއިން ނުފެންނަ މީހަކީ މެމްބަރު ސަލީމް ކަމަށް ލިޔެފައިވެއެވެ.

އެތުހުމަތުތަކަށް އިންކާރުކޮށް މެމްބަރު ސަލީމް ވިދާޅުވީ އެ ވީޑިއޯއަކީ ސޯޝަލް މީޑިއާގައި އެނބުރޭތާ އެތައް މަސްތަކެއް ފާއިތުވެފައިވާ ވީޑިއޯއެއްކަން އެތައް ބަޔަކަށް އެނގޭއިރު، ދިޔަރެސްއިން އެލިޔުން ލިޔެފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި، އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމެއްގައި ހަގީގަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުން ދިނުމުގެ މަގުސަދުގައި ކަމަށެވެ.

މި މައްސަލަ ތަހުގީގުކޮށްދިނުމަށް މެމްބަރު ސަލީމްގެ ފަރާތްޕުޅުން ފުލުހަށް ހުށަހެޅި މައްސަލައިގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ އެވީޑިއޯގައި ފެންނަ އެކަކަކީ ސަލީމް ކަމަށް ބުނެ ނޫހެއްގައި އެވާހަކަ ޖަހާފައިވަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ.

އަދި، ވީޑިއޯގައި ފެންނަ ފަރާތަކީ މެމްބަރު ސަލީމް ނޫން ކަމަށް ތަހުގީގުން ނިންމާފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގަށް ވީޑިއޯ ރެކޯޑު ކޮށްފައިވާ ތަނުގެ މައުލޫމާތު ހޯދިފައިވާއިރު އެއީ މެމްބަރު ސަލީމްގެ ބެލުމުގެ ދަށުން ހިންގާ ރާއްޖޭޓީވީ ހިމެނޭ އިމާރާތް ނުވަތަ އޮފީސް ނޫން ކަން ވެސް އެނގިފައިވާ ކަމަށް ފުލުހުންގެ ސިޓީގައި ވެއެވެ.

މީގެއިތުރުން، ވީޑިއޯގައި ހިމެނެނީ މެމްބަރު ސަލީމް ކަމަށް ބުނެ، އަޑު ފަތުރާފައިވަނީ ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގި ވިޑިއޯތަކެއް ލީކުވި ދުވަސްވަރަކަށްވުމުން، އަބުރު ނަގާލުމުގެ ގޮތުން ކަމަށް ދެކޭނަމަ، އެމައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މެމްބަރު ސަލީމް ވަނީ އޭނާއާ ގުޅޭ ގޮތުން ސާބިތުނުހިފޭ ދޮގު ޚަބަރު ފެތުރިކަމަށް ބުނެ، "ދިޔަރެސް" ނޫހަށާއި ނޫހުގެ މަސްއޫލުވެރި ފަރާތުގެ މައްޗަށް ދައުވާކުރުމަށް ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅުއްވާފައެވެ.