ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ކޯޓަށް ހާޒިރުކުރުމުން ޖުލައި މަހުގެ 7 ވަނަ ދުވަހު، ކްރިމިނަކް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައެވެ.
އެމައްސަލަ އިސްތިއުނާފު ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.
އޭނާ މިނިވަންކުރަން ގޮވާލާ އިދިކޮޅު ޕީޕީއެމް އިން ވަނީ ސިލްސިލާ މުޒާހަރާތަކެއްވެސް ބާއްވާފައެވެ. އިދިކޮޅުން ބުނީ މުހައްމަދު އިސްމާއީލް އާއި އެޕާޓީގެ ކައުންސިލް މެމްބަރު އިބްރާހީމް ރައްޒާން (ޓަކީ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ ޙަގީގަތާއި ޚިލާފު ދޮގު ތުހުމަތުތަކެއްގައިކަމަށެވެ.
މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ޔޯގާ ޑޭގެ ހަމަނުޖެހުމުގައި ގަލޮޅު ދަނޑުތެތެރެއަށް ވަތް މީހުން ހިފައިގެން ތިބީ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަދި، އެވާހަކަތަކާއި ގުޅުންހުރި ބައެއް ފޮޓޯވެސް މީސްމީޑިއާގައި އާންމުވެފައިވެއެވެ.
އެގޮތުން، އެދުވަހުގެ ފަތިހުގެ ވަގުތެއްގައި ޕީޕީއެމް އޮފީހުން ދިދަތައް ނެރޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވިއެވެ. އެފޮޓޯތަކުން މުހައްމަދު އިސްމާއީލް ފެންނަން ހުރި ނަމަވެސް ހަމަނުޖެހުން ހިނގި ވަގުތު އެސަރަހައްދަކު އޭނާއެއް ނެތެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ޖުމްލަ 23 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބޭތިއްބުމަށް ފަހު އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.