ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބިޒްނެސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ވެމްކޯއިން ކުރި އިއުލާނެއްގައި ބުނީ، 2023-2027އަށް އެކުންފުނީގެ ބިޒްނެސް ޕްލޭން ހަދަން ބޭނުންވާ ކަމަށެވެ.އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި އަކީ މި މަހުގެ 11 ވަނަ ދުވަހުގެ 11:00 އެވެ. ބީލަމުގައި ބައިވެރިވާން ހޯމަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

ވެމްކޯ އިން ބުނީ، ކުރިއަށް އޮތް ހަތަރު އަހަރަށް ބިޒްނަސް ޕްލޭނެއް ހެދުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ދިނުމަށްކަމަށެވެ.

ވެމްކޯއަކީ މާލެ ސަރަހަށްދުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް 2016 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރު ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު އަންނަނީ ރާއްޖޭގެ ބައެއް ރަށްތަކުގައިވެސް ކުނި މެނޭޖްކުރުމުގެ ހިދުމަތްދެމުންނެވެ.