އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފެއް ސަސްޕެންޑްކޮށްފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ވަނީ މިކަން "ވީނިއުސް"އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނަ ވިދާޅުވީ ސަސްޕެންޑްކުރީ ޖޫނިއަރ މުވައްޒަފެއްކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ޒިޔާއު ނުދެއެވެ.
އެއް ޖިންސުން ގުޅުން ހިންގިކމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފެއް ސަސްޕެންޑްކޮށްފައިވާއިރު، ގުރޫޕް ހަދައިގެން އެއްޖިއްސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި، އިމާދުއްދީން ސްކޫލްގެ މުވައްޒަފެއްވެސް އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ.
ބަންގްލަދޭޝްގެ ރައިތެއްކަމަށްވާ އެމްޑީ އަލަމްގީރްއާއެކު ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އަލަމްގީރާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
އެގޮތުން މިހާރު މި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއުއެވެ.
މީގެއިތުރުން އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަލީ ނަސީރުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ގިނަ އަދަދެއްގެ ދިވެހީންނާ އެކު އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނަ ހައްޔަރުކޮށްފައިވަނީ، މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.