އޮޅުވާލައިގެން ސިޔާސީ ޕާޓީއަށް ވެއްދި މައްސަލަތަކެއް އަނެއްކާ ވެސް ފެންތަތިވެއްޖެއެވެ.

މީސްމީހުންނަށް ނޭނގި އެ މީހުންގެ ޒާތީ މަޢުލޫމާތު ބޭނުންކޮށްގެން އަދި ވަގު އައިޑީކާޑު ކޮޕީ ހައްދައިގެން ސައްހަ ނޫން އިނގިލީގެ ނިޝާން ބޭނުންކޮށް، ސިޔާސީ ޕާޓީއަށް ވައްދާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައި ވެއެވެ. އަނެއްކާ ވެސް ބައެއް މީހުން އަންނަނީ ސޯޝަލްމީޑިއާގައި މި ފަދަ މައްސަލަތައް ފެންމތިކުރަމުންނެވެ.

މި ގޮތުން އެއްވެސް ޕާޓީއެއްގައި ރަޖިސްޓަރީވެފައި ނުވާ މީހުން ޕާޓީއަށް ވެއްދުމާއި، އަމިއްލަ އިހުތިޔާރުގައި ވަކި ޕާޓީއެއްގައި ރަޖިސްޓަރީވެފައި ވަނިކޮށް އެނގުމަކާނުލައި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާ މައްސަލަތައް ވެސް ވަނީ ފެންމަތިކޮށްފައެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ހޯދުމަށް ވީނިއުސްގެ ޓީމުން ކުރި މަސައްކަތް އެ ކޮމިޝަންގެ އޮފިޝަލުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބުވާ ގޮތްު ނުވެފައެވެ.

ޝޯޝަލްމީޑިއާގައި ހިޔާލުފާޅުކުރި އާންމުން ވަނީ ޕާޓީތަކަށް މީހުން ވެއްދުމުގައްޔާއި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގައި އަދި ޕާޓީން މެންބަރުން ވަކިކުރުމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމަލުކުރުރަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހާރު އޮންނަ ގޮތުން ނަމަ ޕާޓީއަކަށް ވަންނަން ފޯމު ފުރުމަށްފަހު، އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަނީ ޕާޓީތަކުގެ ރަޖިސްޓްރާއަކަށް ހުންނަ މީހެކެވެ. ރަޖިސްޓްރާއިން، ފޯމުތައް އީސީއަށް ފޮނުވަނީ ފޯމުގައިވާ ނަންބަރުތަކަށް ގުޅާ، ފޯމުތައް ކަށަވަރު ކުރުމަށްފަހުއެވެ. އެގޮތަށް އެކަން ކުރާއިރު، ފޯމުގައިވާ ނަންބަރަކީ އެއީ ފޯމުގައިވާ މީހާގެ ނަންބަރު ނޫނަސް އެކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯވެއެވެ.

މި މައްސަލަ ހައްލުކުރުމަށާއި ސިޔާސީ ޕާޓީތަކުން ހުށަހަޅާ ވަގު ފޯމްތައް މަދުކުރުމަށްޓަކައި، ފޯމަކަށް 10،000ރުފިޔާގެ ރޭޓުން ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އޭޕްރިލް މަހުން ފެށިގެން ހުށަހަޅާ ސައްހަނޫން ކޮންމެ ފޯމަކަށް ޕާޓީ ޖޫރިމަނާ ކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށާއި، އެ އުސޫލުގެ ދަށުން އެ ޕާޓީއެއްގެ ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރަމުން ގެންދާނެ ކަމަށެވެ