• ހަމަލާތައް އެއް ހަފްތާއަށް ކުރިއަށްގެންދާނަން: އިސްރާއީލު

އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް މިހާރު ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 15 އަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ފަލަސްތީނުގެ މީޑިއާއިން ބުނެފައިވަނީ، މި އުދުވާނުގައި އިއްޔެއިން ފެށިގެން މިހާތަނަށް ޒަޚަމްވި މީހުންގެ އަދަދު 125 އަށް އަރާފައިވާ ކަމަށެވެ.

އިސްރާއީލު ސިފައިންވަނީ މިއަދުވެސް ޣައްޒާގައި އާންމުން ދިރިއުޅޭ އެތައް އިމާރާތަކަށް ހަމަލާދީފައެވެ. ހަމަލާތަކުގެ ސަބަބުން ބައެއް އިމަރާތްތައް ފުނޑުފުނޑުވެ ބިމާހަމަވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އިސްރާއީލު ސިފައިންގެ ހަމަލާތައް ސީދާ އަމާޒުކޮށްފައިވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ކަމަށެވެ.

ނަތީޖާއެއްގެގޮތުން މި އުދުވާނުގައި ގިނަ އަދަދެއްގެ އާންމުން ޝަހީދުވެ، ޒަޚަމްވުމުގެ އިތުރުން، މިހާތަނަށް އާންމުން ދިރިއުޅޭ 650 ހައުސިންގ ޔުނިޓް ހަލާކުވެފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ބައިތާނު ހާނޫންގައި ބޭއްވި ފިރިހެން ދަރިފުޅުގެ ކައިވެނީގެ ހަފްލާއަށްފަހު އާއިލާއާއެކު އެނބުރި ގެއަށްދިޔަ އުމުރުން 62 އަހަރުގެ އަންހެނަކު ދަތުރުކުރި ކާރަށް އިސްރާއީލުގެ އުދުވާނީ ސިފައިން ހަމަލާ ދިނުމުގެ ސަބަބުން އެ އަންހެންމީހާ ޝަހީދުވެފައި ވެއެވެ. މި ހަމަލާގައި ކާރުގައި ދެންތިބި އެންމެން ޒަޚަމްވިއެވެ.

މީގެއިތުރުން، ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި ދެ ފިރިހެނުން ޝަހީދުކޮށްލާފައި ވެއެވެ.

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ އެތައް އިމާރާތަކަށްވެސް މިއަދު ހަމަލާތައް ދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި އެތައް ކުޑަކުދިން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ، އިސްރާއީލުގެ ތެރެއަށް ފަސްދޮޅަހަށްވުރެ ގިނަ ރޮކެޓް ހަމަލާ ދީފައެވެ. މި ހަމަލާތައް އަމާޒުކުރެވުނީ ޣައްޒާ-އިސްރާއީލު ވަކިކުރާ އިމާ ގާތުގައިވާ އިސްރާއީލުގެ އަވަށްތަކާއި ސިޓީތަކަށް ކަމަށް ވެއެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އިސްރާއީލުން ނުދެއެވެ.

އިސްރާއީލުން ޣައްޒާއަށް ބޮންއަޅަމުން ގެންދަނީ އިސްލާމިކް ޖިހާދު ޖަމާއަތާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާކަން އިއުލާން ކުރުމަށް ފަހުގައެވެ. އެކަމަކު ގިނަ ހަމަލާތައް އަމާޒުކުރަނީ އާންމުންގެ ގެތަކަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ، ޣައްޒާގައި ހަރަކާތްތެރިވާ ހަޔިތާރުއެޅި ގްރޫޕްތަކާ ދެކޮޅަށް އިއްޔެ ފެށި "އޮޕަރޭޝަން" ހަފްތާއަކަށް ދެމިގެންދާނޭ ކަމަށާއި، އެކަމަށް ސިފައިން ތިބީ ތައްޔާރުވެގެން ކަމަށެވެ.

އިސްރާއީލު ސިފައިން ފަލަސްތީނުގެ އާންމުންގެ ބޮލަށް ބޮންއަޅައި، ކުޑަކުދިންނާއި އަންހެނުން މަރައި، ގެދޮރު ސުންނާފަތި ކުރަމުންދާއިރު، ދުނިޔެ އޮތީ ހިމޭނުންނެވެ. ޔޫރަޕްގެ އިއްތިހާދުން ގޮވާލާފައިވަނީ "ދެފަރާތުންވެސް" މައިތިރިކަން އިޚްތިޔާރު ކުރުމަށެވެ.