ތިމާވެއްޓަށް ގެލުންވާތީ ނ. މާފަރުގައި ހުރި ތާރު ފީފާތައް ނަގައި، އެ ސަރަހައްދު ސާފުކޮށްފިއެވެ.

އެއީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ފަހު ހަލާކުވާން ދޫކޮށްލާފައިވާ ތާރުފީފާތަކެކެވެ. އެ ތަކެއްޗަކީ އެއާޕޯޓުގެ މަސައްކަތް ނިމުމަށް ފަހުގައި ސަރަހައްދު ސާފުކޮށް، އެއްކޮށް ނަގަން ޖެހޭ ތަކެއްޗެވެ.

އެހެން ނަމަވެސް އޭރު ފީފާތައް ހުރީ ރަނގަޅު ހާލަތެއްގައި ކަމަށް ވާތީ އެތަކެތި މާފަރު ކައުންސިލަށް ހަދިޔާކުރީއެވެ. ފަހުން އެއާޕޯޓާ މާ ދުރު ނޫން ހިސާބެއްގައި ހުރި ފީފާތައް ދަބަރަށްވެ ފޫގޮސް ތާރު ކޯރަކުން މުޅި ތަން ތަޣައްޔަރުކުރީއެވެ. އެ ކޯރުގެ ބައެއް ހިސާބުތައް ފުންކޮށް އޮތް އިރު، އަނެއް ބައެއް ހިސާބުތައް ހުރީ ހިނދިފައެވެ.

ތާރު ފީފާތައް ނަގައި އެ ސަރަހައްދު ސާފުކުރެވޭތޯ ކައުންސިލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ފުރަތަމަ ބެލީ ތާރުތައް ބަޔަކަށް ހިލޭ ދީގެން ވިޔަސް އެކަން ވޭތޯއެވެ. އެކަން ވާގޮތް ނުވުމުން ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީއާ މަޝްވަރާކޮށްގެން އެ ތަކެތި ނަގައި ސާފުކުރެވޭތޯ ބެލިއެވެ. ނަމަވެސް އެމްޓީސީސީން އޭރު އެކަމަކާ ހަވާލެއް ނުވިއެވެ.

އެކަމަކު ފަހުން މި މަސައްކަތާ އެމްޓީސީސީން ވަނީ ހަވާލުވެފައެވެ. އެމްޓީސީސީން އެކަމާ ހަވާލު ވާން ފުރަތަމަ ދެކޮޅު ހެދި ސަބަބެއް ސާފުނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތާރު ފީފާތައް ނަގަން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

ފީފާތަކާއި ބިން މައްޗަށް އެޅިފައިވާ ތާރުތައް ވެސް މިހާރު ވަނީ ވެލިގަނޑާ އެކު ނަގާފައެވެ. ތާރުތައް އެޅިފައިވާ ސަރަހައްދު މިހާރު ވަނީ މުޅިން ސާފުކޮށްފައެވެ.

މިހާރު ކުރިއަށް ދަނީ ވެލި ނަގާފައިވާ ސަރަހައްދުތަކަށް ވެލި އެޅުމުގެ މަސައްކަތް ކަމަށް މައުލޫމާތު ލިބެއެވެ.