ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ބައިގެ ފައިނަލުގައި ވާދަކޮށް، ރާއްޖޭގެ އާމިން މޫސާއަށް ނާކާމިޔާބީ އާއި ކުރިމަތިވި ނަމަވެސް، ދެއްކި ހިތްވަރަށް ގިބަ ބަޔަކު ތައުރީފު ކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ފައިނަލް ހީޓު ފަށައިގެން އާމިން ވަނީ ތަފާތު ހިތްވަރެއް ދައްކާފައެވެ. އެގޮތުންހީޓުގެ ހުރީކޮޅުގައި ލީޑު ނަގައިގެން މި ލީޑު ގިނަ ވަގުތު ދެމެހެއްޓީވެސް އާމިން އެވެ. އަދި އެއަށްފަހު ހީޓުގެ މެދުތެރެއިން މޮލީނާ ލީޑު ހޯދިނަމަވެސް، އަނެއްކާވެސް އާމިން ވަނީ ކަށިން ހިތްވަރުނެރެ، ތަފާތު ދައްކާ އަލުން ލީޑު ނަގާފައެވެ. މޮލީނާއަށް ކުރިލިބުނީ ހީޓުގެ ފަހު ވަގުތުގައެވެ. އާމިންގެ މައްޗަށް މޮލީނާއަށް ކުރިހޯދުނީ 0.90ގެ ތަފާތަކުންނެވެ.

ހީޓުގައި މޮޮލީނާއަށް ޖުމްލަ ލިބިފައިވަނީ 13.00 ސްކޯއެވެ. އެއީ ހަވަނަ ރާޅުގައި ލިބުނު 5.75 ސްކޯ އާއި ފަހު ރާޅުގައި ލިބުނު 7.25 ސްކޯއިންނެވެ. ކުޑަ ފަރަގަކުން ނާކާމިޔާބީއާއި ކުރިމަތިލި އާމިން އަށް، ހީޓުގެ ޖުމްލަ ސްކޯގެ ގޮތުގައި 12.19 ވަނީ ލިބިފައެވެ. އެއީ ދެވަނަ ރާޅުގައި ލިބުނު 5.50 ސްކޯ އާއި ފަހު ރާޅުގައި ލިބުނު 6.60 ސްކޯއިންނެވެ.

ހީޓުގެ ފަހު ވަގުތާއި ހަމައަށް އާމިން ކުރި ހިތްވަރަށް ގިނަބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. އާމިން އަށް ހިތްވަރުދިނުމަށް ގިނަ އަދަދެއްގެ އާންމުންވެސް ވަރުނުލާ ރާޅުގަނޑު ސަރަހައްދަށް ގޮސްފައިވާއިރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފުވެސް ވަޑައިގެންނެވިއެވެ.

އާމިންއަކީ ބޮޑީބޯޑިންގ ވޯލްޑް ޓުވަރ އިވެންޓެއްގެ ފައިނަލްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.