ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރެވޭ ގޮތުން، މާދަމާ އިން ފެށިގެން ވައި މަޑުވެ، މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ

މިދިޔަ މެއި މަހުގެ ކުރީކޮޅު ހުޅަނގު މޫސުން ފެށުނީއްސުރެ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ވަރަށް ގޯސްވިއެވެ. ވޭތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ގަދަ ވަޔާ އެކު ކަނޑުތައް ގަދަވިއެވެ. މެޓް އޮފީހުން މި ދިޔަ ހަފުތާގެ ކުރިން ބުނެފައި ވަނީ ރާއްޖޭގެ ހިސާބުަތަކަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ.

މި ދިޔަ ހަފުތާގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުވެސް ކޮށްފައި ވެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މިއަދު އުތުރާއި މެދު ރާއްޖެތެރެއަށް ވާރޭވެހޭނެއެވެ. އަދި 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

އެކަމަކު މާދަމާ މިއަދަށް ވުރެ މޫސުން ރަނގަޅުވާނެ ކަމަށާއި މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް މެޓް އިން ލަފާކުރެއެވެ. މާދަމާ އިން ފެށިގެން ޖުމްލަކޮށް ވައި މަޑުވެ، ކަނޑުތައް މަޑުވި ނަމަވެސް ދޭތެރެއަކުން ކެރި އަންނާނެ އަދި ވާރޭވެހޭ ވަގުތުތަކުގައި ވައި ގަދަވެ، ކަނޑުތައް ގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގައި މި އޮތް ހުޅަނގު މޫސުން ނިމޭނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެކަމަކު އަނެއްކާވެސް އިރުވައި ވުމުގެ ކުރިން، ދެ މޫސުން ބެދޭ ދުވަސްވަރުގެ ގޮތުގައި ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ވިއްސާރަ ކުރުން އެކަށީގެންވެއެވެ.

އިރުވައި މޫސުން ފެށުމުން އާންމު ގޮތެއްގައި މޫސުން ރަނގަޅުވެ، ކަނޑުތައް މަޑުވާނެއެވެ.