އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން މިއަދު ފަށާފައިވާއިރު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލީގު ރަނަރަޕް ލިވަޕޫލުން ފުލަމް އާއި ދެކޮޅަށް ކުޅެ އެއްވަރުވެއްޖެއެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުލަމްގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް އެޓީމަށް ޕްރިމިއަރ ލީގުގައި އެންމެފަހުން މޮޅެއް ހޯދުނީ 2021 ވަނަ އަހަރުގެ މާޗު މަހުގައި ކަމަށްވާއިރު، ފާއިތުވީ ސީޒަނުގައި އެޓީމު ކުޅެފައިވަނީ ޗެމްޕިއަންޝިޕުގައެވެ.

ސީޒަނަކަށްފަހު ލިވަޕޫލް އަލުން ޕްރިމިއަރ ލީގަށް ޕްރޮމޯޓުވެ ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލް އަތުން ޕޮއިންޓެއް ހޯދާފައިވާއިރު، އެޓީމުން 2021 ވަނަ އަހަރުގެ މާޗު މަހު މޮޅުވީވެސް ލިވަޕޫލް އަތުންނެވެ. އެއީ ރެލިގޭޓު ވުމުގެ ކުރިން ފުލަމް އިން ޕްރިމިއަރ ލީގުގައި މޮޅެއް ހޯދި ފަހު މެޗެވެ.

ހޮހިހިރު ދުވަހުގެ ހަވީރު ކުޅުނު މިމެޗު އެއްވަރުވިއިރު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ފުލަމް އިންނެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޓްރޮވިޗް އެވެ. މިއީ ކެނީ ޓޭޓޭ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މިޓްރޮވިޗް ކާމިޔާބުކުރި ލަނޑެކެވެ.

ލީޑުގައި އޮވެގެން ފުލަމް އިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެންނަމަވެސް މިހާފުގައިވެސް ފުލަމްގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެންގޮސްފައިވެއެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އޭރިއާ ތެރޭގައި ހުރެފައި ފުލަމްގެ ކަބާނޯ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށްވެސް އަމާޒުވެފައެވެ.

ލިވަޕޫލުގެ ފަރާތުން ތަފާތު ފެންނަން ފެށި މެޗުގެ 51 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ޑާވިން ނޫނޭޒް ކުޅެން އެރި ހިސާބުންނެވެ. ކުޅެން އެރިތާ 13 މިނެޓުގެ ތެރޭގައި ނޫނޭޒް ވަނީ ލިވަޕޫލަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިއީ ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް އޭރިއާ ތެރެއަށް ނަގައިދިން ރީތި ހުރަހެއް، ބެކްހީލަކުން ގޯލުގެ ތެރެެއަށް ބޯޅަ ވައްދާލައިގެން ނޫނޭޒް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

އޭގެ 13 މިނެޓުފަހުން އަނެއްކާވެސް ފުލަމް އިންވަނީ މެޗުގައި ލަނޑެއް ޖަހާ ލީޑުނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މިލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ މިޓްރޮވިޗް އެވެ. މިއީ އޭރިއާ ތެރެއިން މިޓްރޮވިޗަށް ލިވަޕޫލުގެ އިތުބާރު ޑިފެންޑަރު ވެންޑައިކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ޕްރިމިއަރ ލީގަށް އެނބުރި އައިސް ފުލަމުން މޮޅަކާ އެކު ފަށަން ކުރި އުންމީދަށް ހުރައް އެޅީ ސަލާހް އެވެ. ސަލާހްގެ މި ލަނޑުގައި ނޫނޭޒްގެ ހިއްސާ ބޮޑެވެ. އެގޮތުން ހާފުގެ މެދެއްހާ ހިސާބުން ޓްރެންޓް އެލެކްސަންޑަރ އާނޯލްޑް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ސަލާހުގެ ބޯމަތިން އައިސް ލިބުނީ ނޫނޭޒް އަށެވެ. ނޫނޭޒް ކޮންޓްރޯލް ކޮށްލަން ޖައްސާލި ބޯޅަ ސަލާހް އަށް ލިބުމުން، އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ސަލާހް މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަކުރީ މެޗުގެ 80 ވަނަ މިނެޓުގައެވެ.

މިމެޗުން މޮޅުވެ 3 ޕޮއިންޓު ހޯދުމަށް ލިވަޕޫލަށް ވަނީ ރަނގަޅު ފުރުސަތެއްވެސް ލިބިފައެވެ. އެގޮތުން މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ލިވަޕޫލުގެ ޖޯޑަން ހެންޑާސަން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ލިވަޕޫލުން ދެން މެޗެއް ކުޅޭނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެމެޗުގައި ލިވަޕޫލް ނުކުންނާނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ. ލިވަޕޫލާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދިން ފުލަމް އަށް ކުރިއަށް ދެން އޮތީ މިމަހުގެ 13 ވަނަ ދުވަހު ވުލްވްސް އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.