ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާއަތުން އިސްރާއީލުގެ ރަށްތަކަށް ރޮކެޓާއި މޯޓަރު ބޮމުގެ ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

މިއީ، އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ އެތަން މިތަނަށް ބޮންއަޅަމުންދާތީ އެކަމުގެ ރައްދުގައި ދޭންފެށި ހަމަލާތަކެކެވެ.

އިސްލާކް ޖިހާދު ޖަމާއަތުގެ މުޖާހިދުން ރޭގައިވެސް އިސްރާއީލުގެ ރަށްތަކަށް ރޮކެޓް ހަމަލާތަކުގެ "ވާރޭ' އޮއްސާލާފައި ވާއިރު، މިހާރު އަނެއްކާވެސްވަނީ ހަމަލާތައް އިތުރުކޮށް ވަރުގަދަ ކޮށްފައެވެ.

އެގޮތުން، ޣައްޒާއާއި ގާތުގައިވާ އިސްރާއީލުގެ ރަށްތައް ކަމަށްވާ އެޝްކެލޮންއާއި ނަހަލް އޯޒަށް ރޮކެޓް ހަމަލާތައް އަމާޒުވެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް މީޑިއާއިން ބުނެއެވެ. އަޝްދޮދް، އަޝްކެލޮން އަދި ސްދެރޮތަށްވެސް އެތައް ރޮކެޓް ހަމަލާތަކެއް އަމާޒުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ތެލް އަވީވަށްވެސް އެތައް ރޮކެޓެއް ފޮނުވާލާފައިވާ ކަމަށް، އިސްރާއީލާއި ފަލަސްތީނުގެ މީޑިއާއިންވެސް ބުނެއެވެ.

މުޅި ތެލް އަވީވުން މިހާރު އިވެމުންދަނީ ހަނގުރާމައިގެ އިންޒާރުގެ ރަނގަބީލުގެ އަޑެވެ. ރަނގަބީލުގެ އަޑުގެ މާނައަކީ އާންމުން ބިންގަރާސްތަކަށް ވަދެ ހިމާޔަތް ހޯދަން އެންގުމެވެ.

ތެލް އަވީވުން ބާރުގަދަ ތިން ގޮވުމެއް ގޮވި އަޑު އިވިފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

އިސްރާއީލުގެ އިމަޖެންސީ މެޑިކަލް ސަރވިސްއިން ބުނެފައިވަނީ، ރޮކެޓް ހަމަލާތަކުގެ ސަބަބުން އިއްޔެއާއި މިއަދުގެ ނިޔަލަށް އިސްރާއީލުގެ 21 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް އިއްޔެއިން ފެށިގެން ހަމަލާތައް ދޭންފެށީ، އިސްލާމިކް ޖިހާދު ޖަމާއަތުގެ ފަރާތުން އިސްރާއީލުގެ ރައްޔިތުންނަށް ނުރައްކާ އަންނަ އުޅޭކަމަށް "ބެލެވިގެން" ކަމަށް ބުނެފައި ވެއެވެ.

މިއުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 15 މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރޭގައި އުމުރުން 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި، ދެ އަންހެނުންވެސް ހިމެނެއެވެ.

މި ހަމަލާތަކުގައި އިތުރު 125 މީހުން ޒަޚަމްވެފައި ވެއެވެ.

އިސްރާއީލު ސިފައިންގެ ވެރިޔާ އަވީވް ކޮހަވީ މިއަދު ބުނީ، މިހާރު ހިންގާ އޮޕަރޭޝަންގައި އިސްލާމިކް ޖިހާދާ ދެކޮޅަށް ޣައްޒާއަށާއި، ހުޅަނގު އައްސޭރިއަށްވެސް ހަމަލާތައް ދޭނޭ ކަމަށެވެ.

އިސްރާއީލުގެ ރަށްތަކަށް އިސްލާމިކް ޖިހާދު ޖަމާއަތުން ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޣައްޒާގެ ޖަމާއަތްތަކުން ބުނެފައިވަނީ، އެމީހުން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، އުދުވާނުގެ ބަދަލު ވަރުގަދައަށް ހިފާނޭ ކަމަށެވެ.