ޖުމްހޫރީ ޕާޓީ އާއި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަކީ، ދިވެހި އެއްވެސް ރައްޔިތަކާ ދެކޮޅުވެ، ރައްޔިތުންނާ ދެކޮޅުވާނެ ފަރާތެއް ނޫންކަމަށް ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

އަލީ ޞާލިޙް މިފަދައިން ވިދާޅުވީ، މީސްމީޑިއާގައި ޖުމްހޫރީ ޕާޓީ އާއި ގުޅުވައިގެން ދޮގު މައުލޫމާތުތަކެއް ފަތުރަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެކަން ކުށްވެރިކޮށް، ދޮގުކުރުމުގެ ގޮތުން "ވީނިއުސް" އަށް މައުލޫމާތު ދެއްވަމުންނެވެ.

"މާލެ މީހުން"ގެ ނަމުގައި ފޭސްބުކުގައި ހިންގާ ޕޭޖެއްގައި ވަނީ "ޖޭޕީ މާލެ" ނަމަކަށް ކިޔާ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގެ ސްކްރީންޝޮޓުތައް ހިއްސާކޮށް، ޖުމްހޫރީ ޕާޓީ އޮތީ މާލެ މީހުންނާ ދެކޮޅަށްކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ.

"ވީނިއުސް" އަށް މައުލޫމާތުދެއްވަމުން އަލީ ޞާލިޙް ވިދާޅުވީ، "ޖޭޕީ މާލެ" އަކީ ޖުމްހޫރީ ޕާޓީން ހިންގާ ޓުވިޓާ އެކައުންޓެއް ނޫން ކަމަށާއި، އެ އެކައުންޓުން ކުރާ ޓުވީޓުތަކަކީ ޖުމްހޫރީ ޕާޓީގެ ވިސްނުމާއި ގަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް ކުރާ ޓުވީޓުތަކެއް ނޫންކަމަށެވެ. އަދި މިއީ ކާކުކަން ނޭނގޭ އަމިއްލަ ފަރުދަކު ހިންގާ ޓުވިޓާ އެކައުންޓެއްކަން އަލީ ފާހަގަކުރެއްވިއެވެ.

"ޖޭޕީ މާލެ" ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ތިމަންނާއަކީވެސް މާލޭ މީހެއް ކަމަށާއި، މާލޭ މީހުންނަށް ހިލޭ ގޯތިދިނުމާ ދެކޮޅުކަމަށެވެ. އަދި މާލޭ ރައްޔިތަކަށްވީތީވެ 1000 އެއްހާ މީހުންނަށް 14 ބިލިއަން ދިވެހި ރުފިޔާގެ އަގުހުރި ބިންތައް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން، އެތައް ހާސް ދިވެހި ރައްޔިތުންތަކެއް މާލެއަށް ޖަމާވާން ޖެހޭ ސަބަބު ނައްތާލާ، އަތޮޅުތެރޭގެ ރަށްތަކުގައިވެސް މާލެއެކޭ އެއްފަދަ ވަސީލަތްތައް ހުރުން މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

"މާލެ މީހުން" ނަމަކަށްކިޔާ ފޭސްބުކް ޕޭޖަކަށް ކޮށްފައިވާ ޕޯސްޓެއްގައި މި ޓުވީޓުގެ ސްކްރީންޝޮޓެއް ހިއްސާކޮށް ބުނެފައިވަނީ، ޖުމްހޫރީ ޕާޓީ އޮތީ މާލެ މީހުންނާ ދެކޮޅަށް ކަމަށެވެ.

މިކަމާ ގުޅިގެން ޖޭޕީގެ އިސް ތަރުޖަމާނު އަލީ ޞާލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުންނާއި އަދި އެއްވެސް ރަށެއްގެ ރައްޔިތުންނަކާ، ޖުމްހޫރީ ޕާޓީއަކުން ދެކޮޅެއް ނުވާނެ ކަމަށެވެ. އަދި އޮނަރަބަލް ޤާސިމް އިބްރާހިމް އަކީ އެއްވެސް ރައްޔިތަކާ ދެކޮޅުވެރިވާނެ ބޭފުޅެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ހިތުގައި ޖުމްހޫރީ ޕާޓީ އާއި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއިމެދު ނަފްރަތު އުފައްދަން ބަޔަކު ހިންގާ ފިނޑި އަމަލެއްގެ ގޮތުގައި އަލީ ސިފަކުރައްވާފައިވެއވެެ. އަދި "ޖޭޕީ މާލެ" އަކީ ޖުމްހޫރީ ޕާޓީގެ އެކައުންޓެއް ނޫންކަންވެސް އަލީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.