ސްކޫލުތަކަށް ބޭނުންވާ ކަންކަން ފުރިހަަކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގެ މެންދުރުފަހުގެ ދަންފަޅީގައި ބޭއްވި، ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާއަށް، ޚާއްސަކޮށް މުދައްރިސުންނަށް ރަނގަޅު މަސައްކަތު މާޙައުލެއް ހޯއްދަވައި ދެއްވާފައިވާ ކަމަށާއި އެއީ ރަނގަޅު ދަރިންތަކެއް ލިބޭނެ ހަމައެކަނި ގޮތްކަން މިސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާތީ، ސްކޫލުތަކަށް ބޭނުންވާ ކަންކަން ފުރިހަަކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާ ކަމަށެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ސަމާލުކަމެއް ދެއްވައި، ތަޢުލީމީ ދާއިރާގެ ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ބަލިމަޑުކަމާއި އިޤްތިސާދީ ދަތިކަމުގެ ތެރޭގައިވެސް ސަރުކާރުންކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ފައިސަލް ވަނީ މީގެ ކުރިން ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިވެފައިނުވާ ފަދަ ދަތި އުނދަގޫތަކާއި ގޮންޖެހުންތަކެއް ރާއްޖެއަށްވެސް އޮތީ ކުރިމަތިވެފައި ކަމަށް ވިދާޅުވެފައެވެ.

ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ކުރެވެމުންދާ ކަންކަމުގައި މުދައްރިސުންނަށްވެސް އިތުރު ކުރިއެރުން ލިބި، ސްކޫލްތަކުގެ ކަންތައްތައް ފުރިހަމަވެ، 21 ވަނަ ޤަރުނަށް ބޭނުންވާފަދަ ދަރިންތަކެއް ތައްޔާރުކުރުމަށްޓަކައި، ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަވެ، އިތުރު ހިތްވަރާއި ހިންމަތާ އެކު މަސައްކަތްކޮށް މިހާރު މިދުނިޔޭގައި މިއޮތް އޮއެވަރާއިއެކު ރަނގަޅު ޖީލެއް ބިނާކުރުމުގެ ކަންތައްތައް އެންމެ އެކުގައި ކުރާ މަސައްކަތްތަކުން ކާމިޔާބުވެގެން ދިޔުމަށް އެދެން."
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

އިންސާނަކަށް އެންމެ މުހިއްމު އެއްޗަކީ ތަޢުލީމު ކަމަށާއި، ތަޢުލީމު އުނގެނުމަށް އެންމެ ރަނގަޅު ދުވަސްވަރަކީ، ޅަފަތުގެ ދުވަސްވަރު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި ޅަފަތުގައި ދަސްކުރާކަންކަން މުޅި އުމުރަށް ދެމިހުންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ތަޢުލީމު އުނގެނުމަށް ލިބިފައިމިވާ ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ފަހިވިސްނުމާއި އެކު އައު އަޒުމެއް ކަނޑައަޅައިގެން ދަރިވަރުން ކިޔެވުމުގައި ކުރިޔަށް ދިޔުމަށް އެދިވަޑައިގެންފައެވެ.

މިދިޔަ އަހަރުގެ ދިރާސީ އަހަރު ފެށުނު ދުވަހު، ތަޢުލީމީދާއިރާއަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ކަންތައްތަކުގެ ތެރެއިން ގިނަކަންތައްތަކެއް މިއަހަރުގެ ދިރާސީ އަހަރު ފެށުނު އިރު ވަނީ ފުރިހަމަކުރެވިފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އަދި އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެއެވެ. އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ.