ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލިކަމަށް ތުހުމަތު ކުރެވޭ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ޝިއާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާޙިލްއެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެ ހާދިސާ ހިނގާދިޔަ ވަގުތު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، މިހާތަނަށް އެއްވެސް ކަމަކަށް އޭނާ އިއުތިރާފްވެފައި ނުވާ ކަމަށެވެ.

ޝާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ޝާޙިލްއަކީ މީގެކުރިންވެސް އަންހެނަކަށް ހަމަލާދިނުމަށް އޭނާ ދިރިއުޅޭ ގެއަށް ހަތިޔާރާ އެކު ވަދެފައިވާ މީހެކެވެ. ނަމަވެސް ފުލުހުން ބުނީ ޝާހިލްގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށެވެ.

ޝާހިލްގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައެއް. މިހާތަނަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައެއް ނުވޭ ގެވެށި އަނިޔާގެ ނުވަތަ މިކަހަލަ އެއްވެސް މައުލޫމާތެއް. އެހެންނެއް ނޫން. ތަހުގީގަށް އެބަހުރި ބައެއް ކަހަލަ މައުލޫމާތުތައް ލިބިފަ. އެކަމު އަޅުގަނޑުމެން ވެރިފައިކޮށް އިތުރަށް ސާފުކުރަން ޖެހޭ ކަންކަން އެއީ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު

މިވަގުތަކީ މައްސަލައިގެ ކުރީކޮޅުކަން ފާހަގަކޮށް ފުލުހުން ބުނީ، ސީން އިން ހެކި ގަރީނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ، ބައެއް ސުވާލުތަކުގެ ޖަވާބު ދިނުމަށް އުޒުރުވެރި ވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ރޭ 23:28 ހާއިރު ޕޮލިސް ކޮމާންޑެ ސެންޓަރަށް ލިބިފައިވާއިރު، ފުލުހުންގެ ބީޓެއް ސީން އަށް އެޓެންޑްވުމަށްފަހު ވަނީ މައުލޫމާތު ސާފުކޮށް ވަގުތުން ސީން ޕްރޮޓެކްޓްކޮށްފައެވެ.

ޝިއާއު މަރާލާފައިވަނީ ވަރަށް އިހާނެތިކޮށް ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ ޝިއާގެ އައިލާއިން އެގޮތަށް އެދިފައިވާ ކަމަށާއި، އާއިލާގެ އެދުމަށް އިހްތިރާމް ކުރުމުގެ ގޮތުން އެ މައުލޫމާތު ހާމަކުރުމަށް ގަސްތު ނުކުރާ ކަމަށެވެ.

މައްސަލާގައި އަނިޔާ ލިބުނު ފަރާތަށް ވަރަށް އިހާނެތި އަނިޔާތަކެއް ދީފައިވާއިރު، އެ އަނިޔާތަކާ ގުޅޭ ތަފްސީލްތައް ހާމަކުރަން އަޅުގަނޑުމެން މިވަގުތުގައި ގަސްތެއް ނުކުރަން. ސަބަބަކީ އެކަމަކީ ނިޔާވި ފަރާތުގެ އާއިލާއަށް ވަރަށް ފުން އަސަރުތަކެއް ކުރާނެ ކަމަކަށް ވެފައި އަދި އާއިލާގެ ފަރާތުން އަޅުގަނޑުމެންނަށް ރިކުއެސްޓް އެގޮތަށް ކޮށްފަ އޮތީމަ ހަމަ މިވަގުތުގައި އެކަން އާއިލާގެ އެދުމަށް އިހްތިރާމް ކުރުމުގެ ގޮތުން ގަސްތެއް ނުކުރަން ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް މިވަގުތު ހާމަކުރާކަށް.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު

ޝިއާއު މަރުވި ސަބަބު އަދިވެސް ދެނެގަނެވިފައިނުވާއިރު، ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައި ވާކަމަށެވެ.

މީގެއިތުރުން، މި ހާދިސާއާއި ގުޅިގެން ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ މައުލޫމާތު ތަކަކީ މުޅީން ސައްހަ މައުލޫމާތު ނޫން ކަމަށާއި، ޚަބަރު ގެނެސްދިނުމުގައި، މައުލޫމާތު ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން، ފުލުހުން ބުނީ މިއީ ތަހުގީގު ކުރިއަށް ދާ ވަގުތުކަމަށް ވާއިރު ޔަގީންވާ މައުލޫމާތު ނޫން ނަމަ ހާމަކުރަން ބޭނުން ނުވާ ކަމަށާއި، ދެވެން ހުރި މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރާނެ ކަމަށެވެ.