ރާއްޖެ އަދި އެމެރިކާގެ އަސްކަރިއްޔާ އިން "ޓެމްޕެސްޓް ވިންޑް 2022"ގެ ނަމުގައި ފަރިތަކުރުންތަކެއް ފަށައިފިއެވެ.
ޔޫއެސް މިޝަން ޓު މޯލްޑިވްސްގެ ފަރާތުން މައުލޫމާތުދޭ ގޮތުގައި ރާއްޖެ އާއި އެމެރިކާ ގުޅިގެން "ޓެމްޕެސްޓް ވިންޑް 2022"ގެ ނަމުގައި ދެގައުމުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި ކައުންޓަރ ޓެރަރިޒަމް ފަރިތަކުރުންތަކެއް ސެންޓްރަލް އޭރިޔާ އަދި މާލެކައިރި ކަނޑުގެ ސަރަހައްދުގައި އޮގަސްޓް 7 -18 އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
"ޓެމްޕެސްޓް ވިންޑް 2022"އަކީ މިފަރިތަކުރުންތަކުގެ ސިލްސިލާގެ އެގާރަވަނަ ބުރެވެ. މިއީ މިތަމްރީން ދިވެހިރާއްޖޭގައި ބާއްވާ ހަތަރުވަނަ ފަހަރެވެ.
މި ތަމްރީންތަކުގައި ރާއްޖެ އަދި ހަވާއީގެ ކަމާގުޅޭ މުވައްޒަފުން ކައުންޓަރ ޓެރަރިޒަމް (ސީޓީ) ސްޓްރެޓަޖީއަށް ފަރިތަވުމަށް އަމާޒުކޮށް ރޭވިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވާނެއެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ދެގައުމުގެ ގުޅުން ބަދަހިކޮށް ގާބިލްކަން އިތުރުކުރުމަށް އިސްވެރިންގެ ނިންމުންތައް ނިންމާ ގޮތްތަކާއި ހާލަތްތަކަށް އިޖާބަދިނުމުގެ ރޭވުންތައް ރާވާނެ ގޮތްތަކަށް ތަމްރީން ވާނެއެވެ.
މި ތަމްރީންތަކުގެ ސަބަބުން ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކުގައި ކުއްލި ރޭވުންތައް ރޭވުމުގައާއި ކޯޑިނޭޓްކުރުމުގަ އަދި ހިންގުމުގެ ގާބިލްކަން ދެ ގައުމުގަ ހުރި މިންވަރު ޓެސްޓް ކުރެވި އިސްލާހުކުރަންވީ ކަންކަން ފާހަގަވެގެންދާނެއެވެ.
މި ތަމްރީންތަކުގައި ހިމެނޭ މިޝަން ރިހާސަލްގެ ތެރޭގައި މިފަދަ ހާލަތެއްގައި ދިވެހިރާއްޖެ އަދި އެމެރިކާގެ ސަލާމަތީ ބާރުތަކުގެ ރޭވުންތަކާއި، އަމުރުތައް އަދި މުވާސަލާތީ ގާބިލްކަން ހުރި މިންވަރު ޓެސްޓްކުރުމަށް ކޮމާންޑް ޕޯސްޓް ތަމްރީނެއް ހިމެނޭނެއެވެ.
"ޓެމްޕެސްޓް ވިންޑް 2022"އިން ހާސިލްވާނެ ތަޖުރިބާތަކަކީ އަޅުގަނޑުމެން ދެގައުމުގެ ތަމްރީން ބޭނުންތަކާއި އަދި ދެ ގައުމު ގުޅިގެން މިލިޓަރީ ތަފާތު އޮޕަރޭޝަންތަކުގައި ދިމާވާނެ ހާދިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރުވާނެ ކަންކަމެވެ.
މި ތަމްރީން ފަރުމާކުރެވިފައިވަނީ ޓެރަރިޒަމްގެ އެކި ހާދިސާތަކަށް އިޖާބަދިނުމުގައި މި ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެހީތެރިވެވޭނެ ގޮތަށާއި އަދި ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތްތަކުގައި އެމެރިކާ އަދި ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެވޭނެ ގޮތަށެވެ. "ޓެމްޕެސްޓް ވިންޑް"ފަދަ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމުގެ ބިންގާ އިތުރަށް ވަރުގަދަވެގެން ދާނެއެވެ.
މިފަދަ ތަމްރީންތަކަކީ ޔޫ.އެސް. އިންޑޯ-ޕެސިފިކް ކޮމާންޑްއިން ކުރިޔަށް ގެންދާ އަސްކަރިއްޔާތަކާއި ގުޅުން ބަދަހިކުރުމުގެ ޕްރޮގްރާމްގެ ބައެކެވެ. އިންޑޯ-ޕެސިފިކް ސަރަހައްދުގެ އެކި ގައުމުތަކާއި ގުޅިގެން ހިންގޭ މިފަދަ ތަމްރީންތަކުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއިން ތަފާތު އެކި މާހައުލުތަކުގައި ހަރަކާތްތެރިވުމުގެ އަމިއްލަ ގާބިލްކަން އިތުރުވެގެން ދެއެވެ. މި ތަމްރީނުން އިއްތިހާދުގެ ގައުމުތަކުގެ ރައްކާތެރިކަމާއި ދިފާއީ ގާބިލްކަން ވަރުގަދަވެގެންދާނެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަކީ ދެގައުމުންވެސް އިސްކަންދޭ ކަމެއްކަމުގައިވާތީވެ، ކޮވިޑް 19 އާ ގުޅިގެން އަމަލުކުރަމުންދާ ދަތުރުފަތުރުކުރުމުގެ ގަވާއިދުތަކަށް އެމެރިކާގެ ބާރުތަކުން ފުރިހަމައަށް އަމަލުކުރުމާއި އެކު ބަދަލުވަމުންދާ ހާލަތްތަކަށް ތައްޔާރުވެ އިޖާބަދިނުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންގެންދާނެއެވެ.
"ޓެމްޕެސްޓް ވިންޑް" ގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަވެ، ސަރަހައްދީ ނުރައްކާތަކަށް ހަލުއިކަމާއެކު އިޖާބަދިނުމަށް ސަރަހައްދީ ބައިވެރިންގެ ގާބިލްކަން އިތުރުކޮށްދޭނެއެވެ. މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދެއް އުފެދި އެންމެނަށް ފާގަތިކަމާއި ހަމަޖެހުމާއި އަދި އަމާންކަން ލިބިގެންދާނެ ކަމަށް ޔޫއެސް މިޝަން ޓު މޯލްޑިވްސް އިން ބުނެއެވެ.