އިސްރާއީލުން ހިފާފައިވާ ޕަލަސްޠީނުގެ ބިމުގައި އިސްރާއީލުން އެންމެ ފަހުން ދިން ޢުދުވާނީ ޙަމަލާތަކާއި ވައިގެ ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުން ވެރިވެގެން އުޅޭ ފަލަސްތީނުގެ ޣައްޒާއަށް އިސްރާއިލުން ހަމަލާދީ، ކުށެއް ނެތް އާއްމުންގެ ބަޔަކު ޝަހީދުކޮށްލި އަނިޔާވެރި އަމަލު ކުށްވެރިކުރާ ކަމަށެވެ.

އަދި އިޒްރާއީލުން ހިފާފައިވާ ބިންތަކުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް، ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް އިސްރާއީލުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރަމުންދާކަމީ،ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޔޫއެން ސެކުރިޓީ ކައުންސިލް އަދި ޖެނެރަލް އެސެމްބްލީގެ ކަމާބެހޭ ގަރާރުތަކާ ވެސް ޚިލާފު ކަމެއްކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ ސަރުކާރާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ފަލަސްޠީނުގެ މައްސަލައަށް ވަކާލާތުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު މަސައްކަތްކުރުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދެއެވެ.

މިނިސްޓްރީން ބުނީ، މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ "ދެ ދައުލަތުގެ ހައްލުގެ ތެރޭން 1967 ވަނަ އަހަރުގައި ބޯޑަރުތަށް އޮތް އުސޫލަށް ބިނާކޮށް އިރުމަތީ ގުދުސް އެ ގައުމުގެ ވެރިރަށުގެ ގޮތުގައި ބާއްވާ، ފަލަސްތީން މިނިވަން އަދި މުސްތަގިއްލު ގައުމަކަށް ހެދުމުން ކަމަށެވެ.