ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އޮރިއެންޓޭޝަން ހަފްތާ މިއަދު ފަށައިފިއެވެ.

ގައުމީ ޔުނިވަރސިޓީން ބުނީ، މި ސެޝަނަކީ، މިއަހަރުގެ ދިރާސީ ދެވަނަ ޓަރމުގެ ކިޔެވުން ފެށުމުގެކުރިން، ދަރިވަރުން ޔުނިވަސިޓީގެ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ސެޝަނެއް ކަމަށެވެ.

މި ސެޝަން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 9 ވަަނަ ދުވަހުގެ ނިޔަލަށް ކަމަށް ޔުނިވަރސިޓިން ބުނެއެވެ.

މިގޮތުން ޔުނިވަރސިޓީއާ އަލަށް ގުޅުނު ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަދު ހިންގުނު އާންމު އޮރިއެންޓޭޝަންގެ އިތުރުން، އެ ދަރިވަރަކު ކިޔަވާ ފެކަލްޓީ، މަރުކަޒު ނުވަތަ ކެމްޕަހުންވެސް އޮރިއެންޓޭޝަން ޕްރޮގްރާމުތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ އޮރިއެންޓޭޝަން ސެޝަން ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވުންއިރު، އޮޑިޓޯރިއަމްއަށް ހާޒިރުވެ އަދި ޒޫމް މެދުވެރިކޮށް، 500 އަށް ވުރެ ގިނަ ދަރިވަރުން މިސެޝަންގައި ބައިވެރިވި ކަމަށް ޔުނިވާރސީޓީން ބުނެއެވެ.

މި ސެޝަންގެ ތެރޭގައި އެކަޑަމިކް ކަންކަމުގެ މައުލޫމާތާއި ދަރިވަރުންނަށް ދެވޭ ތަފާތު ހިދުމަތްތަކުގެ މައުލޫމާތާއި، އިމްތިހާނުތަކުގެ މައުލޫމާތުގެ އިތުރުން ލައިބްރަރީއާބެހޭ މުހިއްމު މައުލޫމާތުތައްވެސް ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ.

މީގެ އިތުުރުން ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ކުރިއަށްގެންދާ ތަފާތު ކަންކަމާބެހޭ މައުލޫމާތުވެސް މިއަދުގެ ސެޝަންގައި ވަނީ ހިއްސާ ކުރެވިފައެވެ.

ގައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ކިޔެވުން މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޔުނިވަސިޓީން ބުނެއެވެ.