ރޭ މާލޭގައި ހިނގި ރަހުމްކުޑަ މަރުގެ ހާދިސާގައި ޝާމިލުވާ ގާތިލަށް ހައްގު އަދަބު ދިނުމަކީ ގާނޫނީ ވާޖިބެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވީ، ރޭ މާލޭގެ ގެއެއްގެ ތެރޭގައި ރަހުމުކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އަލީ ޝާހިލް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާއި ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓްގައި، ރަހުމްކުޑަ މަރުގެ ހާދިސާ އިންތިހާއަށް ކުށްވެރި ކުރައްވާ ކަމަށާ، ގާތިލަށް ހައްގު އަދަބު ދިނުމަކީ ގާނޫނީ ވާޖިބެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އަދި މަރުގެ ޝިކާރައަކަށްވި އަންހެން ކުއްޖާގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުމަށް ރައީސް މައުމޫން ވަނީ ދުއާ ކުރައްވާފައެވެ.

ރައީސް މައުމޫންގެ އިތުރުންވެސް، ސޯޝަލް މީޑިއާގައި ޝިއާއުގެ މަރާ ގުޅިގެން ގާތިލައް ހައްގު އަދަބު ދިނުމަށް އާއްމު ރައްޔިތުންގެ އިތުރުން ސިޔާސީ އެތަށް ބޭފުޅުން ވެސް ވަނީ ގޮވާލާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަގައި ފުލުހުން ބުނީ، އެ ހާދިސާ ހިނގާދިޔަ ވަގުތު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، މިހާތަނަށް އެއްވެސް ކަމަކަށް އޭނާ އިއުތިރާފްވެފައި ނުވާ ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ޝާޙިލްއަކީ މީގެކުރިންވެސް އަންހެނަކަށް ހަމަލާދިނުމަށް އޭނާ ދިރިއުޅޭ ގެއަށް ހަތިޔާރާއެކު ވަދެފައިވާ މީހެކެވެ. ނަމަވެސް ފުލުހުން ބުނީ ޝާހިލްގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 00:30 ހާއިރު އެ ހާދިސާ ހިނގި ހ. ޝީރީންވިލާ އިންނެވެ.

ޝިއާއު މަރާލާފައިވަނީ ވަރަށް އިހާނެތިކޮށް ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ޝިއާގެ އައިލާއިން އެގޮތަށް އެދިފައިވާ ކަމަށާއި، އާއިލާގެ އެދުމަށް އިހްތިރާމް ކުރުމުގެ ގޮތުން އެ މައުލޫމާތު ހާމަކުރުމަށް ގަސްތު ނުކުރާ ކަމަށެވެ.