• ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވީ 7 އޯގަސްޓް 2008 ގައި
  • ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ މުހިންމު ބައެއް ޤާނޫނުތައް އަދިވެސް ހުރީ ނުހެދި

ރައީސް މަޢުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމަށް 30 އަހަރު ފުރުމަށް އޮތީ މަދު ދުވަސްކޮޅެކެވެ. ސިޔާސީ ގޮތުން ދިވެހިރާއްޖެގައި އޮތީ ކުރީން ނުދެކޭފަދަ ހަލަބޮލި ކަމެކެވެ. 2008 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގެރޭ، އިރާކޮޅުގެ ވަގުތެއްގައި ގިނަ އަދަދެއްގެ ރައްޔިތުން ރިޔާސީ ގަނޑުވަރު، ތީމުގޭ ދޮށަށް އެއްވެ ތިބީ ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅު ދުށުމަށެވެ. އާދައިގެ ބަހުރުވައިން ބުނާނަމަ ރައީސް މައުމޫނާއި ބައްދަލުކުރެއްވުމަށެވެ. އެއްވެ ތިބީ ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނެވެ. އަދި ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންވެސް ތިއްބެވިއެވެ. ކުރީން ހެއްދެވި އެޕޮއިންޓްމަންޓަކާއި ނުލައި އެބޭފުޅުން ތީމުގޭ ދޮށަށް ވަޑައިގެން ތިއްބެވީ އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޤައުމީ އިއްތިހާދުގެ ފަރާތުން އެދުވަހުގެ މެންދުރުފަހު ނިންމި ނިންމުމަކާއި ގުޅިގެންނެވެ.

ތީމުގޭ ދޮށަށް އެދުވަހު އެއްވެ ތިއްބެވި ލީޑަރުންގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު އުމަރު ނަސީރު އަދި ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާއިލް އާއި ޢަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް ހުސައިން ރަޝީދު އަދި މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް (އެމްއެންސީ)ގެ ލީޑަރ މުޙައްމަދު ނަޢީމް (މޮނާޒާ ނަޢީމް) ހިމެނިވަޑައިގަންނަވައެވެ.

ޤާނޫނު އަސާސީ ތަސްދީގު ކުރުން އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ސިޔާސީ ލީޑަރުންނާއި އާއްމުން ތީމުގޭ ދޮަށަށް އެއްވެފައި - ފޮޓޯ: މުޙައްމަދު އަބްދުﷲ ޝަފީޤް

އެންމެ ބޭފުޅުންގެ އެދިވަޑައިގަތުމަކީ އޭރު ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވުން އަވަސްކުރުމެވެ. ބައެއް ބޭފުޅުން ރައީސް މައުމޫންގެ އިސްތިއުފާއަށްވެސް ގޮވާ ހެއްދެވިއެވެ.

1 ޖެނުއަރީ 1998 ން ފެށިގެން ރާއްޖޭގައި އަމަލު ކުރަމުންދިޔަ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް 19 ޖުލައި 2004 ގައި އެއްކުރެއްވި ރައްޔިތުންގެ ޚާއްސަ މަޖިލީހުން، ޤާނޫނު އަސާސީ އިސްލާޙު ކުރުމުގެ މަސައްކަތް ނިންމައި، 26 ޖޫން 2008 ގައި ހަތްވަނަ ޤާނޫނު އަސާސީ ފާސްކޮށްފިއެވެ. އަދި އެ ޤާނޫނު އަސާސީ ތަސްދީޤު ކުރުމަށް ޖޫން މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވައިފިއެވެ. ތަސްދީޤު ކުރެއްވުން ދިގުލައި، މަހަކާއި ގާތްވަނީއެވެ.

އާއްމުންގެ ކެތްތެރިކަން ކޮޅުންލައިގެން މިއުޅެނީ ސަބަބެއް ނެތި އެއްނޫނެވެ. ޚާއްސަ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު އަސާސީއަކީ، އޭގެ ކުރީގެ ޤާނޫނު އަސާސީތަކާއި ޚިލާފަށް ދިވެހި ރައްޔިތުންގެ ބޮޑު ބައިވެރިވުމަކާއެކު އުފެދިގެން އައި ގާނޫނު އަސާސީއެކެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުންނެވެ. ރައްޔިތުން ތަމްސީލް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންގެ އިތުރުން ޚާއްސަ މަޖިލީހުގައިވެސް އިންތިޚާބީ ދާއިރާއަކަށް އިތުރު ދެމެމްބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއެކު ބިޔަ ބޮޑު މަޖިލީހެކެވެ.

ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ޚާއްސަ މަޖިލީހުގެ ތަޅުމުގައި ބޭއްވި އަޑުއެހުންތަކަށް އާއްމުންގެ އާދަޔާ ޚިލާފް ޝައުޤެއް އުފެދުނެވެ. ޓީވީ އާއި ރޭޑިއޯއިން ވަގުތުން ޖަލްސާތައް އަޑުއެހުމުގެ އިތުރުން މަޖިލީހުގެ ގެލަރީއަށް ބާރު ބޮޑުވިއެވެ. ޚާއްސަ ބަހުސްތަކަށް މަޖިލީސް އަޑު އެހުމަށް ދިގު ކިއުއެއް ދަމާލައެވެ. ބަހުސްގެ ވަގުތުގައި ތަޅުމުގައި އޮންނަ ފޯރިއަށްވުރެ ގެލަރީގެ ފޯރިގަދަވެ، ބައެއް ބޭފުޅުން ބޭރުކުރަން ޖެހެއެވެ. އެއީ އޭގެ ކުރީގެ ޤާނޫނު އަސާސީތަކާއި ބަލާއިރު، ރައްޔިތުންގެ ބައިވެރިވުން ބޮޑު ޤާނޫނު އަސާސީއެކެވެ. ޙައްޤަށް ވަކާލާތު ކުރުމުގައިވެސް މެމްބަރުންގެ ފަރާތުން އިޚްލާސްތެރިކަން ފެނިފައިވެއެވެ.

ޤާނޫނު އަސާސީއަކަށް ރައްޔިތުން އެދިތިބީ އޭރުގެ ހާލަތު ބަދަލުކުރުމަށް އޮތް ޚިޔާލަތެއްގެ ތެރެއިންނެވެ. ވެރިކަމުގެ ބާރުތައް ރުކުރުވާލުމަށާއި، މިނިވަން މުއައްސަސާތަކެއް ހަގީގީ މިނިވަންކަމުގައި ހިންގުމަށް ރައްޔިތުން ތިބީ އެދިއެދިއެވެ. ދައުލަތުގެ ތިންބާރު ވަކިކޮށް، ރޭވިފައިވާ އިންތިޒާމެއްގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގުމަށް ސިޔާސީ ޕާޓީތަކުން ތިބީ އެދިއެދިއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ތިބީ އެދިއެދިއެވެ. މިފަދަ ކިތަންމެ ޙައްގެކެވެ. އަސާސީ ޙައްގުތަކާއި މިނިވަންކަމުގެ ބާބުގައި އެޙައްގުތައް ލިޔުއްވައި، ކިތަންމެ ކަމެއް އިސްލާހު ކުރެވޭނެ އިންތިޒާމްތަކެއް އެ ޤާނޫނު އަސާސީގައި ލިޔެވިފައި ހުރީތީއެވެ. ޤައުމެއްގެ ގޮތުގައި ކުރިއަރައި ދިޔުމަށް ދިވެހީންނަށް އެދުވަހު އެއަށްވުރެ ވަކި މުހިންމު އެހެން ކަމެއްވެސް ނެތީ ެވެ. ބައިނަލްއަޤްވާމީ މުޖުތަމައުގެ އިތުބާރު އަލުން ހޯދުމަށްވެސް އެއީ ނުހަނު މުހިންމު ކަމަކަށް އޮތީ ވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އާއްމު ރައްޔިތުންގެ އެދުމާއި، ބައިނަލްއަޤްވާމީ މުޖުތަމާއުގެ ފިއްތުންތަކާއިއެކު ޤާނޫނު އަސާސީ ތަސްދީޤު ކުރުމުގައި މާބޮޑު ދެންމުންތަކެއް ދަންމާނެ ޖާގައެއް ނުލިބުނެވެ. 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި، ދަރުބާރުގޭގައި ބޭއްވި ޚާއްސަ ދަރުބާރެއްގައި އައު ޤާނޫނު އަސާސީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ތަސްދީޤު ކުރައްވައިފިއެވެ. ރައީސް މައުމޫންގެ ބަސްފުޅުންނަމަށް، އެވަގުތު ކޮޅަކީ އެމަނިކުފާނުގެ ތިރީސް އަހަރުގެ ވެރިކަމުގެ އެންމެ ފަޚުރުވެރި އެއް ވަގުތުކޮޅެވެ.

ފެހި ޤާނޫނު އަސާސީ ރައީސް މަޢުމޫން ތަސްދީގު ކުރައްވަނީ - ފައިލް ފޮޓޯ: ރައީސް އޮފީސް

އައު ޤާނޫނު އަސާސީ ތަސްދީޤުކޮށް ޢަމަލުކުރަން ފެށުމާއެކު، ކުރިން ނުކިއްސަރުކޮށް ހިނގަމުންދިޔަ ކިތަންމެ ކަމަކުން ރަނގަޅެއް ނިކުމެއްޖެއެވެ. އިންސާނީ ޙައްޤުތަކަށް މަތީ މިންގަނޑަކަށް އިހްތިރާމްކުރާ ޤާނޫނު އަސާސީއެއް ލިބިއްޖެއެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެވޭނެ ޑިކޮމްރެސީގެ ހަމަތަކެއް އެކަށައެޅިއްޖެއެވެ. ރައްޔިތުންގެ ބާރުވެރިކަން އިހުނަށްވުރެ ބޮޑުވެފައި، ކިތަންމެ ތަނަކުން ހައްގުތައް ކަށަވަރުވެގެން ހިނގައްޖެއެވެ. އައު ޤާނޫނު އަސާސީ އާއެކު ސިޔާސީ ގޮތުން ރާއްޖެ ބަދަލުވެގެން ހިނގައްޖެއެވެ.

ޤާނޫނު އަސާސީ ތަސްދީގު ކުރުމަށް ބޭއްވި ދަރުބާރުގެ ތެރެއިން - ފައިލް ފޮޓޯ: ރައީސް އޮފީސް

މިއަދު އެބަދަލަށް 14 އަހަރު ވެގެންދިޔައީއެވެ. އެހެންނަމަވެސް ޤާނުނު އަސާސީގެ ހަގީގީ ފޮނިމީރުކަން ދިވެހީންނަށް ލިބުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ހުރީއެވެ. ސިޔާސީ ހަލަބޮލިކަމާއި، އެކިއެކި އެހެނިހެން ސަބަބުތައް ހުރީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް، އައު ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ކިތަންމެ ޤާނޫނެއް އަދިވެސް ހުރީ ނުހެދިއެވެ. އައު ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ޤާނޫނުތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. ނަތީޖާއަކީ އަދިވެސް ރާއްޖޭގެ ސިޔާސީ ނިޒާމުގެ ތެރެއިން ރަނގަޅު ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ކުރީގެ ގޮތުގައި ހުރުމެވެ. ކޮރަޕްޝަން މުޅީން ނައްތާލެވިފައިނެތުމެވެ. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށްވެސް އެކި ދުވަސްވަރު އެކި މިންވަރަށް ހަނިވުމެވެ. ވެރިކަމުގެ ބާރުތަކަށް ރައްޔިތުންގެ އިތުބާރު އަދިވެސް ނިސްބަތުން ކުޑަވުމެވެ. މިފަދަ ކޮންމެ ކަމަކީ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމަށް މުހިންމު ބަދަލުތަކެކެވެ.