މާލޭގައި ޒުވާން އަންހެން ކުއްޖެއް މަރާލާފައި ވަނީ އެންމެންނަށް ސިހުން ލިބޭ މިންވަރަށް ކަމަށް ރައްޔިތުން މަޖްލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދް މިފަދައިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހުގެރޭ މާލޭގެ ގެއެއްގެ ތެރޭގައި ރަހުމުކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އަލީ ޝާހިލް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާއި ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން ރައީސް ނަޝީދް ކުރެއްވި ޓުވީޓެއްގައި، މާލޭގައި ޒުވާން އަންހެން ކުއްޖެއް ނުހަނު އަނިޔާވެރިކޮށް މަރާލާފައިވަނީ އެންމެންނަށް ސިހުން ލިބޭ މިންވަރަށްކަމަށް ބުނެ އެ އަނިޔާވެރި އަމަލު ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި އިތުރު މީހެއްގެ އިއުތިރާފް ބަޔާނަށް ބުރަ ނުވާ ރަނގަޅު ތަހުގީގެއް ކޮށް މިކަން ކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ރައީސް ނަޝީދްގެ އިތުރުންވެސް، ސޯޝަލް މީޑިއާގައި ޝިއާއުގެ މަރާ ގުޅިގެން ގާތިލައް ހައްގު އަދަބު ދިނުމަށް އާއްމު ރައްޔިތުންގެ އިތުރުން ސިޔާސީ އެތަށް ބޭފުޅުން ވެސް ވަނީ ގޮވާލާފައެވެ. އެގޮތުން މި މައްސްލައާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި ބޭފުޅުން ތެރޭގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދް ވަހީދް ހުސެއިން މަނިކު، ރައިސް މައުމޫން އަބްދުލް ގައްޔޫމް އަދި މަޝްހޫރު ތަފްސީރު އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ފާހަގަ ކޮއްލެވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަގައި ފުލުހުން ބުނީ، އެ ހާދިސާ ހިނގާދިޔަ ވަގުތު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، މިހާތަނަށް އެއްވެސް ކަމަކަށް އޭނާ އިއުތިރާފްވެފައި ނުވާ ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ޝާޙިލްއަކީ މީގެކުރިންވެސް އަންހެނަކަށް ހަމަލާދިނުމަށް އޭނާ ދިރިއުޅޭ ގެއަށް ހަތިޔާރާއެކު ވަދެފައިވާ މީހެކެވެ. ނަމަވެސް ފުލުހުން ބުނީ ޝާހިލްގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 00:30 ހާއިރު އެ ހާދިސާ ހިނގި ހ. ޝީރީންވިލާ އިންނެވެ.

ޝިއާއު މަރާލާފައިވަނީ ވަރަށް އިހާނެތިކޮށް ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައުލޫމާތު ހާމަކުރުމަށް އުޒުރުވެރިވަނީ، ޝިއާގެ އައިލާއިން އެގޮތަށް އެދިފައިވާ ކަމަށާއި، އާއިލާގެ އެދުމަށް އިހްތިރާމް ކުރުމުގެ ގޮތުން އެ މައުލޫމާތު ހާމަކުރުމަށް ގަސްތު ނުކުރާ ކަމަށެވެ.