ސްޓެލްކޯގަ ފެން އުފެއްދުމުގެ ކެޕޭސިޓީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް(އެމްޑަބްލިޔުއެސްސީ) އާ އެއްވަރަށް އެބަހުރި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގަ ފެން އުފެއްދުމުގެ ކެޕޭސިޓީ އެމްޑަބްލިޔުއެސްސީއާ އެއްވަރަށް މިހާރު އެބަހުރި ކަމަށާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓްގަ ހަރުކޮށްފައި ހުންނާނީ ސީވޯޓާ ކޫލިން ސިސްޓަމެއް ކަމަށެވެ.
މި ސިސްޓަމުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 900 އަށްވުރެ ގިނަ ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން އެބަހުރި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ އެމްޑީއާއެކު ސްޓެލްކޯއިން އުފައްދާ ފެން ކުޑަ އަގެއްގައި ވިއްކުމަށްޓަކައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އާންމު މާކެޓަށް ފެން ނެރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޑަބްލިޔުއެސްސީކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ސްޓެލްކޯ އިން އުފައްދާ ފެން އެމްޑަބްލިޔުއެސްސީން ގަނެފިނަމަ އެ ކުންފުނީގެ ޕްރޮފިޓް މާޖިންވެސް ބޮޑުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި މިއަހަރު ނިމުމުގެ ކުރިން ސްޓެލްކޯއިން އުފައްދާ ފެން ރާއްޖޭގެ މާކެޓަށް ނެރެވޭނެ ކަމަށާއި ފެން ބާޒާރަށް ނެރޭނީ ބިއްލޫރި ފުޅީގައި ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.
މުސްތަގުބަލުގަ ސްޓެލްކޯގެ ބިޒްނަސްތައް އެކި ދާއިރާއިން ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެގޮތުން ރާއްޖޭގެ މާކެޓަށް ސްޓެލްކޯއިން ތައްޔާރުކުރާ ފެން ނެރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ސްޓެލްކޯއިން ފެން އުފެއްދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެ ޕްރޮޖެކްޓް ވެގެންދިޔައީ އެހާ ކާމިޔާބު މަސައްކަތަކަށް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ފެން އުފައްދާ އެހެން ކުންފުނިތަކާ ވާދަކުރުމުގެ ގާބިލްކަން މިހާރު ސްޓެލްކޯގަވެސް އެބަހުރި ކަމަށެވެ.