ސްޓެލްކޯ ހިޔާ މަޝްރޫއު ފަދަ، ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ކުރިމަގުގައި ހިންގުމުގެ ވިސްނުން ސްޓެލްކޯއިން ގެންގުޅޭ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމް ގައި ސްޓެލްކޯ ހިޔާ ފްލެޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ ބޯހިޔާވަހިކަން ބޭނުން ވެފައި ތިބި މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެހެން ކަމުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ ތަކާ، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުގެ އިތުރުން ފިނޭންސް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީއާ އެކުވެސް މިކަމާ ބެހޭގޮތުން މަޝަވަރާ ކުރަމުން ދާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފަރާތުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް މަޝްވަރާ ކޮށްފައިވާކަން ޝަރީފު ހާމަކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ، ސްޓެލްކޯ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުވައްޒަފުންނަކީ އަދިވެސް މާލޭގައި ކުއްޔަށް ދިރިއުޅޭ ބަޔަކަށް ވުމުގެ ސަބަބުން، މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިމަގުގައި ކުރިޔައް ގެންދިއުމުގެ ވިސްނުން ގެންންގުޅުއްވާކަމަށެވެ.

ނަމަވެސް މިފަދަ މަޝްރޫއުއެއް ކުރިޔަށް ގެންދިއުމުގައި ބައެއް ގޮންޖެހުންތައް ދިމާވާތީ، އެގޮންޖެހުންތައް ހައްލު ކުރުމަށްފަހު ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިޔުމަށް ސްޓެލްކޯއިން ދަނީ މަސަތްކަތް ކުރަމުން ކަމަށެވެ.

ހުޅުމާލޭ އުތުރު އަވަށުގައި ހުންނަ ސްޓެލްކޯގެ ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

3 އާއިލާ އަކުން މިހާރު ފްލެޓްތަކުގައި ދިރި އުޅެމުން ދާއިރު، އެގްރީމެންޓްގައި ސްއި ކޮއްފައި ވަނީ 269 މުވައްޒަފުންނެވެ.

ސްޓެލްކޯގެ ހިޔާ ފްލެޓްތައް ބެހިފައިވަނީ 15 ފަންގިފިލާގެ 2 ޓަވަރަކަށެވެ. ޖުމްލަ 360 އެޕާޓްމަންޓް ހިމެނޭހެން ތަރައްޤީކުރާ މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.

ސްޓެލްކޯ މުވައްޒަފުންގެ ފްލެޓްތަކުގެ އަގުތަކަށް ބަލާއިރު، ފްލެޓްތަކުގެ ޑައުންޕޭމެންޓެއްގެ ގޮތުގައި 350،000 ރުފިޔާ ދައްކަން ޖެހެއެވެ. ފްލެޓްތަކުގެ އަގު ދެއްކުމުގެ މުއްދަތަކީ 18 އަހަރެވެ.

އެއް ކޮޓަރީގެ ފްލެޓްތަކުގެ މަހުކުއްޔަކީ 5،622 ރުފިޔާއެވެ. ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓްތަކުގެ މަހު ކުއްޔަކީ 10،356 ރުފިޔާއާއި 10،652 ރުފިޔާގެ ދެމެދެވެ. އަދި މެންޓެއިނަންސް ފީއެއްގެ ގޮތުގައި އެއްކޮޓަރީގެ ފްލެޓް ތަކުން 1000 ރުފިޔާ އަދި ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓް ތަކުން 1300 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްއެޅުމަށް ގިނަ ކުންފުނިތަކަކުން ބައިވެރިވި ނަމަވެސް މީގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަނީ 4 ކުންފުންޏަކުންނެވެ. އެއީ ސްޓެލްކޯއާއި، އެމްޑަބްލިއުއެސްސީ، އެމްޕީއެލް، އެމްއޭސީއެލްއިންނެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ކުންފުނިތަކުގެ ބެލުމުގެދަށުންނެވެ. ނަމަވެސް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ކޮންޓްރެކްޓަރުންނާއެކު ހަދާ އެއްބަސްވުންތަކުގެ ދަށުންނެވެ.