ސައުދީ އަރަބިއްޔާގައި މިހާތަނަށް ބިނާކުރާ އެންމެ ދިގު ފާލަމުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލައިފިއެވެ.

ފާލަމުގެ މަތީގައި އަޅާ 400 ޓަނުގެ އެންމެފަހު ކޮންކްރީޓް ބްލޮކް އިންސްޓޯލްކުރެވުމުން، މި ފާލަން ބިނާކުރާ ދަ ރެޑް ސީ ޑިވެލޮޕްމަންޓް ކޮމްޕެނީންވަނީ އެކަން ފާހަގަކޮށްފައެވެ.

މިއީ، ސައުދީ އަރަބިއްޔާއިން ރަތްކަނޑުގައި ތަރައްގީ ކުރަމުންދާ ރިސޯޓް ޖަޒީރާ ރަށްތަކުގެ ތެރޭގައި ހިމެނޭ "ޝުރޭރާ އައިލެންޑް" އާއި ސައުދީ އަރަބިއްޔާގެ މެއިންލޭންޑާ ގުޅުވައިދޭ 3.3 ކިލޯމީޓަރު ދިގު ފާލަމުގެ ތެރެއިން ފުރަތަމަ ފޭހުގައި ހިމެނޭ 1.2 ކިލޯމީޓަރުގެ ފާލަމެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލި ފާލަމަށް ދީފައިވާ ނަމަކީ "ޝުރޭރާ ބްރިޖް" އެވެ.

ފާލަން ހަދާފައިވަނީ، ފަލާން ނިމޭ ހިސާބު މޫދު އަޑިން ދެކޮޅުންވެސް 35 މީޓަރުގެ ފުޅާ ދެ ޖާގަ ދޫކުރުމަށް ފަހުގައެވެ. އެއީ، މޫދުގައި އުޅޭ މަސްމަހާމެއްސަށް ފާލަން ހުރަސްކޮށް ދަތުރުކުރެވޭ ގޮތް ހެދުމަށެވެ.

ދަ ރެޑް ސީ ޑިވެލޮޕްމަންޓް ކޮމްޕެނީން ބުނެފައިވަނީ، ފާލަން ފަރުމާކޮށްފައިވަނީ، އެންމެ މަތީ މިންވަރަށް ތިމާވެށި ހިމާޔަތް ކުރުމާއެކު، ދެމެހެއްޓެނިވި ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. ފާލަމުގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރެވުނީވެސް ތިމާވެށި ހިމާޔަތް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ބުނެފައި ވެއެވެ.

ފާލަމުގެ މަސައްކަތް ފެށުމުގެކުރިން ތިމާވެށްޓަށް ލިބިދާނެ ގެއްލުންތަކާއި، ކުރާނެ އަސަރުތަކުގެ ދިރާސާތަކެއް ހަދާފައި ވެއެވެ.

އެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ކޮންވެންޝަނަލް ކޮންކްރީޓުގެ ބަދަލުގައި ފާލަން ހަދަން ބޭނުންކޮށްފައިވާ %90 ކޮންކްރީޓަކީ ތިމާވެށްޓާ ރަށްޓެހި ކޮންކްރީޓެވެ. އެއީ، ލީކްތައް މަދުކުރުމާއި ތިމާވެށީގެ މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ނިމުމާއެކު، ދަ ރެޑް ސީ ޑިވެލޮޕްމަންޓް ކޮމްޕެނީން މިހާރުވަނީ، ފާލަން ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައެވެ.

3.3 ކިލޯމީޓަރު ދިގު އަދި 28 މީޓަރު ފުޅާ މި ފާލަމަކީ، ސައުދީ އަރަބިއްޔާގައި މިހާތަނަށް ބިނާކުރި އެންމެ ދިގު ފާލަމެވެ.

މި ފާލަމުގައި ދެ ލޭން އޮވެއެވެ. އެއީ، ޝުރޭރާ އައިލެންޑަށް ކާރުގައި ދިއުމަށް އެއް ލޭން އަދި އެނބުރި އައުމަށް އެއް ލޭނެވެ.

މީގެއިތުރުން، ހިނގާފައިދާ މީހުންނަށް ވަކި ލޭނެއް އަދި ބައިސްކަލްގައި ދަތުރުކުރާ މީހުންނަށްވެސް ވަކި ލޭނެއް، މި ފާލަމުގައި އޮވެއެވެ.

ޝުރޭރާ އައިލެންޑަކީ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ސައުދީ އަރަބިއްޔާއިން ރަތްކަނޑުގައި ހިތްގައިމު ކޮންސެޕްޓަކަށް ތަރައްގީކުރަމުންދާ 22 ރަށުގެ ތެރޭގައި ހިމެނޭ އެއް ރަށެވެ. ރަތްކަނޑުގައި ފަތުރުވެރިކަމަށް އަމާޒުކޮށް ޖުމްލަ 99 ރަށް ތަރައްގީކުރަން ސައުދީން ނިންމާފައި ވެއެވެ.

މިހާރު ތަރައްގީ ކުރަމުންދާ 22 ރަށުގެ މަސައްކަތް 2023 އަށް ނިންމަން ސައުދީން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޝުރޭރާ އައިލެންޑްގައި ހަދަމުންދާ އިންޓަރނޭޝަނަލް އެއަރޕޯޓް ނިމި، ފުރަތަމަ ހޮޓާ ނިމުމާއެކު މިހިނގާ 2022 ވަނަ އަހަރު ނިމެންވާއިރަށް ފަތުރުވެރިންގެ ފުރަތަމަ ގްރޫޕަށް މަރްހަބާ ކިޔަންވެސް ސައުދީން ގެންދަނީ ތައްޔާރުވަމުންނެވެ.

އަދި މިހާރު މަސައްކަތްދާ ސްޕީޑަށް ބަލާއިރު، ފޭސް އެކެއްގައި ބިނާކުރަން ނިންމާފައިވާ 16 ހޮޓާ، 2023 ނިމުމުގެކުރިން ހުޅުވޭނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެއެވެ.

ދަ ރެޑް ސީ ޕްރޮޖެކްޓް އެއްކޮށް ނިންމަން އަމާޒުކޮށްފައިވަނީ 2030 ވަނަ އަހަރުއެވެ. މުޅި ޕްރޮޖެކްޓް ނިމޭއިރު، ތަރައްގީކުރާ 22 ރަށާއި، 6 އިންލެންޑް ސައިޓްގައި 8،000 ކޮޓަރި ހިމެނޭ 50 ހޮޓަލާއި، 1،300 ގެ ހުންނާނެއެވެ.

މީގެއިތުރުން، ލަގްޒަރީ މެރީނާއަކާއި، މުނިފޫހިފިލުވުމާއި، ލެޝަރ ވަސީލަތްތައްވެސް ގާއިމްވެފައި ހުންނާނެއެވެ.

ސައުދީ އަރަބިއްޔާގެ އިގްތިސާދު ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ފަތުރުވެރިކަމަށް ހުޅުވާލުމަކީ ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހަންމަދު ބިން ސަލްމާންގެ ތަސައްވުރެކެވެ. އޭނާ ގެންދަވަނީ، ސައުދީ އަރަބިއްޔާއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ.