ކަނދުފަތީގެ ވިޔުގައިން އެކި ސަބަބުތަކާއިހުރެ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރަން ފަށައިފިއެވެ.

މިކަމަކީ ރާއްޖޭގައިކުރާ ދޮށީގެ މަސްވެރިކަމަށާއި ވަދު މަސްވެރިކަމަށް އަމާޒްކޮށްގެން ކުރާ މަސައްކަތެކެވެ.

މިހާތަނަށް އެކި ކައުންސިލް އިދާރާތަކުން މިނިސްޓްރީއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި 8 ކަނދުފަތި ވަނީ ކަނޑައިގެން ގޮސްފައެވެ.

އެއީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ.ކާށިދޫ، ކ.މާފުށި، އއ.އުކުޅަސް، ތ.ހިރިލަންދޫ، ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ކަނދުފަތިތަކެވެ.

މި ކަނދުފަތިތަކުގެ ތެރެއިން 5 ކަނދުފައްޗެއް އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާއިރު ހއ. ފިއްލަދޫ، ށ.ކޮމަންޑޫ، ޅ. ފާދޫ، ކ.މާފުށި އަދި އއ. އުކުޅަހުގެ ކަނދުފަތީގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ބުނީ ބާކީ ހުރި ކަނދުފަތިތައް އެޅުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމް މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. ރާއްޖޭގައި މަސްވެރިންނަށް ޤާއިމުކޮށްދެވިފައިވާ ކަނދުފަތީގެ ވިޔުގާގައި ހިމެނޭ ބައެއް ކަނދުފަތި ކަނޑައިގެން ދާ އެއް ސަބަބަކީ އުޅަނދުފަހަރު އެ ކަނދުފަތީގައި ވާ އައްސައި ބަނދެގެން ތިބުންކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިފަދަ ކަންކަން ނުކުރުމަށް އެންމެހާ މަސްވެރިންނަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.