މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 42 އިންސައްތަ އިތުރުވެފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި ޖުލައި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 15.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 42 އިންސައްތަ އިތުރުވުމެކެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 11.8 ބިލިއަން ރުފިޔާ ލިބިފަވާއިރު މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 7.8 ބިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތެރޭގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީ އާއި، ޖީއެސްޓީގެ މައިގަނޑު ގޮތެއްގައި ލިބިފައިވަނީ އާމްދަނީގެ ގޮތުގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީން 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފަވާއިރު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 5.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.

މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 5.8 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ހުރީ 20.7 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ހަރަދުތަކާއި އަޅާބަލާއިރު 23 އިންސައްތަ އިތުރު ޢަދަދެކެވެ.

އިދާރީ އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް 9.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ.