ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާ މަކުނުވިދުރިއަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗްގެ ލެބޯޓްރީ ތައްޔާރުކުރަމުން އަންނަ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެ އެޖެންސީން ބުނީ މަކުނުވިދުރި ފަދަ ގައިންގަޔަށް އަރާ ބަލިތަކަށް ޓެސްޓް ކުރުމަށް ލެބޯޓްރީތައް ވަކި ސްޓޭންޑާޑެއްގައި ހުންނަން ޖެހޭ ކަމަށެވެ. މިކަމަށް އައިޖީއެމްޗްގެ ލެބް ތައްޔާރުކުރަމުން އަންނަ އިރު، ޓެސްޓް ކިޓް ހޯދުމުގެ އިތުރުން ޓެސްޓިން ސެޓަޕް ކުރުމަށް އިތުރުތަކެތި ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ލެބޯޓްރީއަށް ބޭނުންވާ ސާމާނާއި އިންތިޒާމްތައް ހަމަޖެހުމުން އެ ހޮސްޕިޓަލުން މަކުނުވިދުރި އަށް ޓެސްޓް ކުރެވޭނެއެވެ. ނަމަވެސް އެކަން ފެށޭނެ ދުވަހެއް އަދި ސާފެއް ނުވެއެވެ.

ބައެއް ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ މަކުނުވިދުރި ގުޅިގެން ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ މިދިޔަ މަހުގެ 23 ގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

މިހާތަނަށް 345 ގައުމަކުން 30،000 އަށްވުރެ ގިނަ މީހުން ވަނީ މަންކީޕޮކްސް ޖެހިގެން ރިޕޯޓުކޮށްފައެވެ. މި ބައްޔަށް ޓެސްޓުކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ 250 ޓެސްޓު ކިޓް ވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ރާއްޖޭގައި ވެސް މަކުނުވިދުރިއަށް ޝައްކުކުރެވޭ ފިރިހެނަކު ފެނިގެން މި ފަހުން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ޓެސްޓުކުރިއެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ މައުލޫމާތުދީފައެވެ.