ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ، ވިލިމާލެ ލޯކަލް މާރުކޭޓް ނުވަތަ ވިލިމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ދެކުނުން ކުއްޔަށް ދޫކުރަން ހަމަޖެހިފައި ވަނީ 20 ގޮޅި ކަމަށެވެ. އަދި މިގޮޅިތަށް ކުއްޔަށް ދޫކުރަނީ އެއް އަހަރުގެ މުއްދަތަކަށް ކަމަށް ވާއިރު ގޮޅިއެއްގެ މަހު ކުއްޔަކީ 1050 ރުފިޔާ ކަމަށްވެސް ބުނެއެވެ.
މީގެ އިތުރުން ޕޮއިންޓް ދިނުމުގައި ޢަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅައިފައިވާ އިރު، ވިލިމާލޭގައި ދިރިއުޅޭ ވިލިމާލޭގެ ރަށްވެއްސެއްނަމަ 55 ޕޮއިންޓް ލިބޭނެ ކަމަށާ، މާލޭގެ ރަށްވެހިންނާއި، ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ވިލިމާލޭގައި ދިރިއުޅޭ ފަރާތެއްނަމަ 30 ޕޮއިންޓް ލިބޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
އަދި މާލެ އާއި ވިލިމާލޭގެ ރަށްވެހިންނާއި، ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ވިލިމާލެ ފިޔަވައި އެހެން ތަނެއްގައި ދިރިއުޅޭ ފަރާތެއްނަމަ 15 ޕޮއިންޓް ލިބޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ކުއްޔަށް ދޫކުރާ ގޮޅިތަށް ފަރުމާ ކުރެވިފައި ހުންނަން ޖެހޭނީ މާލެ ސިޓީ ކައުންސިލްގެ ނިންމުމާއި އެއްގޮތަށް ކަމަށް ވާއިރު، ގޮޅި ކުއްޔަށް ހިފާ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތަކެއް ވެސް ވެއެވެ.
އެގޮތުން، އުމުރުން 18 އަހަރުން މަތީގެ މާލެސިޓީގައި ދިރިއުޅޭ، ދިވެހި ރައްޔިތަކަށް ވުން ހިމެނެއެވެ.
އަދި އެއްވެސް ފަރާތަކުން އެއް ފޯމްއަށްވުރެ ގިނަ ފޯމް ހުށަހެޅުމާއި، އެއްގޮޅިއަށްވުރެ ގިނަ ގޮޅީގައި ފާހަގަ ޖެހުމާއި އެއްވެސް ގޮޅިއެއްގައި ފާހަގަ ނުޖަހާ ހުރި ނަމަ އެފޯމެއް ބާޠިލް ވާނެއެވެ.
އެ ކައުންސިލުން މީގެކުރިން ދީފައިވާ އެއްވެސް ޙިދުމަތަކަށް ދައްކަން ޖެހޭ ފައިސާއެއް މިހާތަނަށް ނުދައްކާ ހުރި ފަރާތްތަކުގެ ފޯމް ބާޠިލް ވާނެއެވެ. މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް، ކައުންސިލްގެ ވެބްސައިޓުން ފޯމް ނެގުމަށްފަހު ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ފޯމް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 14:00 އަށް މާލެސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަން އޮފީހުންނެވެ.