މާތް ﷲ އަށް ބިރުވެތިވެ ފާހިޝް އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މުޖުތަމަޢުގައި ނުފެތުރުމަށް އެދި އަލީ ރަމީޒް ނަޞޭޙަތެރިވެއްޖެއެވެ.
ސަލަފު ޖަމިއްޔާގެ ޗީފް މާކެޓިން އޮފިސަރ (ސީއެމްއޯ) ގެ މަގާމުގައި ހުންނެވި އަލީ ރަމީޒް މިގޮތަށް ނަޞޭޙަތެރިވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރް އާއިއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއް ފެންމަތިވެ، ބައެއް ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުކުރާ ދަނޑިވަޅެއްގައެވެ.
އަލަމްގީރް އާއިއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ސިޔާސީ މައިދާނުގައި ފުންނާބު އުސް ފަރާތްތަކާއި، ރައީސް އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، ތަހުގީގީ އިދާރާތަކުގެ މީހުންވެސް ހިމެނެއެވެ. އެގޮތުން ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް މިކަމުގައި ޝާމިލުވާ މީހުން ތިބިކަމުގެ ތުހުމަތުތަކެއް ކުރެވިފައިވެއެވެ.
އަލްމގީރްއާ ގުޅުންހުރި ވީޑިއޯތައް ނޫނަސް ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ އެހެން ވީޑިއޯތައްވެސް ސޯޝަލްމީޑިއާގައި އެބަ ދައުރުކުރެއެވެ.
އަލީ ރަމީޒް ބުނީ، ވީޑިއޯތައް ލީކްވުމުން ލަދާ ކުރިމަތިލާން ޖެހެނީ ހަމައެކަނި ވީޑިއޯއިން ފެންނަ މީހުން ނޫން ކަމަށެވެ. އެމީހުންގެ އަނބިދަރިންނާއި މައިންބަފައިންނަށް ވެސް މިކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށް އަލީ ބުނެފައިވެއެވެ.
އޭނާ ބުނީ މިފަދަ ވީޑިއޯތައް އާންމުވެ ފެތުރުމުން މިފަދަ ކަންކަން މުޖުތަމައުގައި ލުއި ވެގެންދާ ކަމަށެވެ. އަދި މިއީ ފާހިޝް ކަންކަން ޕްރޮމޯޓްކުރުމަށް ބައެއް މީހުން ގެންގުޅޭ އުކުޅެއް ކަމަށް އޭނާ ބުނެފައި ވެއެވެ.
އޭނާ ބުނީ މިކަމަކީ އާއިލާތަކަށް ނަފުސާނީ ގޮތުން އަސަރުކުރުވާ ކަމެއް ކަމަށާއި އަދި ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.