ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އާލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 3 މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި، އެމްޑީ އާލަމްގީރް އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގުއެވެ.

މިކަމާ ގުޅިގެން "ވީނިއުސް" އިން ސުވާލުކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން 3 މީހެއްގެ މައްސަލަ އެއޮފީހުގެ މަޝްވަރާއަށް ފޮނުވާފައިވާ ކަމަށެވެ.

އަލަމްގީރާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިއާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

އެގޮތުން މިހާތަނަށް މި މައްސަލާގައި 3 ދިވެހިން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާއި ގުޅިގެން މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށެވެ.

މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއުއެވެ.

މީގެއިތުރުން، އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުންނެވެ.