މީސްމީޑިއާގައި އާންމުވެފައިވާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މުޅި މުޖުތަމައުއަށް އާންމުކޮށް އެކަން އެއްގޯސްކުރަން މަސައްކަތް ކުރި މީހުން ފޮރުވައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އާލަމްގީރާއެކު ގިނަ އަދަދެއްގެ ދިވެހީން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މިދިޔަ ޖޫން މަހުން ފެށިގެން އަންނަނީ މީސްމީޑިއާގައި އާންމުވަމުންނެވެ.

ގާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަނި ނޫންކަމަށާއި، އެމައްސަލަގާއި ޝާމިލްވާ އެންމެންގެ މައްޗަށްވެސް ގަނާނު ހިނގަން ޖެހޭނެ ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއް ރިޓްރީޓް ކުރައްވާ، މެމްބަރު ވަހީދު ވިދާޅުވީ، އެކަމުގެ އަޑީގައިވާ ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

އެގޮތުން، ރާވާ އިންތިޒާމްކޮށްގެން އެކަންކަން ކުރުވައި، ވީޑިއޯކޮށް، އެތަކެތި ބޭނުންކޮށްގެން ބްލެކްމެއިލްކޮށް، ފައިސާ ނެގި މީހުން ހޯދަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މުޅި މުޖުތަމައުގައި އެތަކެތި އާންމުކޮށް، އެކަން އެއްގޯސްކުރަން މަސައްކަތް ކުރި މީހުން ފޮރުވައިގެން ނުވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް 3 ދިވެހިން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާއި ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށެވެ.

އަދި 3 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް މިހާރު ވަނީ ފޮނުވާފައެވެ.

ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާއި، ކަސްޓަމްސް އޮފިސަރުންނާއި ޓީޗަރުންނާއި ސިޔާސީ ބައެއް ފަރާތްތައް އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ އިރު އެމައްސަލާގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.