ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ހަތަރު މީހަކު ދޫކޮށްލައިފިއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިޔަށްގެންދަނިކޮށް، ދަނޑަށް ގިނަ އަދަދެއްގެ ބަޔަކު ވަދެގަނެ ވަނީ، ޔޯގާއާ ދެކޮޅަށް އަޑުއުފުލާފައެވެ.

އެހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ވަނީ އެކި ދުވަސް މަތިން 25 މީހަކު ހައްޔަރުކޮށްފައެވެ. އެމައްސަލައިގަ ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދު މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ވަނީ ދޫކޮށްލާފައެވެ.

މިހާރު ފުލުހުންގެ ބަންދުގައި ތިބީ 15 މީހެކެވެ. އެދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ދީނީ އިލްމުވެރިން ކަމުގައިވާ ޝެއިޚް މުހައްމަދު ފަޟްލޫން އަދި ޝެއިޚް އާދަމް ނިޝާން ހިމެނެއެވެ.

އެދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުންނަށް ކުރަނީ ޓެރަރިޒަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މާރާމާރީ އަދި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުތަކެވެ.

އެހަމަނުޖެހުމުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ވާނުވާ ބަންދުގައި ބެހެއްޓުމާއި ގުޅިގެން ސިޔާސީ ބޭފުޅުންނާއި ގިނަ ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ދީނުގައި ކަމެއް އޮންނަ ގޮތާމެދު އެކި ފަރާތްތަކުގެ ރައުޔު ތަފާތުވިނަމަވެސް، މިކަމާމެދު އިސްލާމިކް މިނިސްޓްރީން އެއްވެސް ބަހެއް ބުނެފައި ނުވާ އިރު، ދިވެހިރާއްޖޭގެ ފަތުވާ ދޭ މަޖިލިސްވެސް ގާނޫނީ ހުސްކަމެއްގެ ތެރޭގައިވާކަން ފާހަގަކުރެވެއެވެ.