ކަސްޓަމަރ އޮރިއެންޓެޑް އުސޫލުތަކެއް ހެދުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެ ރޭ ވީޓީވީން ގެނެސްދިން 'ފަސްމަންޒަރު' މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއިން އަންނަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައް ކުރައްވަމުން ކަމަށާއި އެހެންނަމަވެސް ކަރަންޓް ބިލް ބޮޑުވާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
ކަސްޓަމަރުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ކަސްޓަމަރ އޮރިއެންޓެޑް އުސޫލުތަކެއް ހެދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ ޝަރީފް ވަނީ ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ބޭނުންވަނީ ބިނާކުރަނިވި ފާޑުކިޔުންތައް ކަމަށް ވިދާޅުވެފައެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ސްޓެލްކޯ އިން ތަރައްގީކުރި ފްލެޓްތައް ލިބުނު މުވައްޒަފުން އެ ލިބުނު ހަދިޔާ ޝުކުރުވެރިކަމާއެކު ބަލައިގަންނަންވެސް ޝަރީފް ވަނީ އެދިވަޑަައިގެންފައެވެ.
އަދި ފްލެޓް ލިބުނު ފަރާތްތަކުން އެތަނަކީ އަމިއްލަ ގެ ކަމުގައި ދެކިގެން ރައްކާތެރިކަމާއެކީގަ އެތަނުގެ ބޭނުން ހިފުމަށް އެދިވަޑައިގެން ޝަރީފް ވަނީ އާންމު ރައްޔިތުންނަށް ސްޓެލްކޯއިން ދޭ ޚިދުމަތަކީ ރައްޔިތުން ބޭނުންވާ ޚިދުމަތަކަށް ހައްދަވައިދެއްވުމަށްވެސް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.