16 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަކަށް އަރައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ، 16 މީހުންނާއެކު ފުރައިގެން މާލެއިން އައްޑޫއަށް ދަތުރުކުރަމުންދިޔަ "ނިއުލައިން" ކިޔާ މުދާ އުފުލާ ބޯޓެއް، ލ.މާމެންދޫގެ އުތުރުފަރާތު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ރޭ 03:25 ހާއިރު ލިބިފައިވާއިރު، ބޯޓުގައި ހުރި މުދާތައް ލ.މާމެންދުއަށް ބޭލުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 08:15 ހާއިރުކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ހުރިހާ ކޮމްޕޯނަންޓުތަކެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ، ފަރަށް އެރި މުދާ އުފުލާ ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބޯޓުގައި ހުރި ހުރިހާ މުދަލެެއް ބޭލުމަށް ފަހުގައިކަމަށެވެ.